މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ ބެލުމުގެ ދަށުގައިވާ ގައިދީންނާއި ބަންދު މީހުންނަށް ފޮނުވާ ފައިސާ ބެލެހެއްޓޭނޭ އައު ނިޒާމެއް އެ ސާވިސްއިން ބޭނުންކުރަން ފަށައިފިއެވެ.

"ޕްރިޒަނަރ އެކައުންޓްސް މެނޭޖްމަންޓް ސިސްޓަމް (ޕެމްސް)ގެ ނަމުގައި 09 ސެޕްޓެމްބަރ 2021 (މިއަދު) ބޭނުންކުރަންފެށި މި ނިޒާމުގެ ތެރެއިން ބަނޑޭރި ޕޭ މެދުވެރިކޮށް ކަނޑައެޅިފައިވާ އަދަދަށް ޤައިދިންނާއި ބަންދުމީހުންނަށް ފޮނުވާ ފައިސާއާއި އެލަވަންސް އުޞޫލުން މަސައްކަތްކުރާ ޤައިދީންގެ ފައިސާ ފަސޭހައިން ބެލެހެއްޓުމަށް މަގުފަހިވެގެން ދާނެއެވެ.

Ad
rt

މީގެ އިތުރުން ޤައިދީންނާއި ބަންދުމީހުން ވިޔަފާރި އުޞޫލުންކުރާ މުޢާމަލާތްތައް ފަސޭހަ ކަމާއިއެކު މި ނިޒާމުގެ ތެރެއިން ބެލެހެއްޓޭނެއެވެ.

ޤައިދީންނާއި ބަންދު މީހުންނަށް ފޮނުވާ ފައިސާގެ ކަންކަން ބެލެހެއްޓުމަށް ތަޢާރަފް ކުރެވިގެންދިޔަ މި ނިޒާމްގެ ތެރެއިން ލިބިގެންދާ ފަސޭހަތަކަށް ބަލައިލާއިރު، މި ނިޒާމް މެދުވެރިކޮށް ހުރިހާ ޖަލަކާއި ހެޑް އޮފީސް ގުޅުވައިދިނުމުގެ އިތުރުން އެއް ޑޭޓާ ބޭސްއަކުން ޤައިދީންގެ ރިކޯޑްތައް ބެލެހެއްޓި، ކަންތައްތައް ކުރުމުގައި ކުރިއަށްވުރެ އަވަސްވެގެން ދާނެއެވެ.

މީގެއިތުރުން ކަރުދާސް ބޭނުންކުރުމާއި ޑަބަލްކޮށްކުރަންޖެހޭ މަސައްކަތްތައް ލުއިވެގެން ދިޔުމުގެ އިތުރުން ލައިވްކޮށް އަޕްޑޭޓްވަމުންދާނެއެވެ. އަދި މަސައްކަތްތަކުގެ ފެންވަރު ރަނގަޅުވެ، އޮފިސަރުންނާއި މުވައްޒަފުން ޒިންމާދާރުވުން އިތުރުވެގެންދާނެއެވެ.

ޕެމްސްއަކީ ޓޯޓަލް އޮފެންޑަރ މެނޭޖްމަންޓް ސިސްޓަމް (އެޓަމްސް)ގެ އެކައުންޓްސްތަކާބެހޭ މޮޑިއުލްއެކެވެ.