މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން "ޓީޗާރސް ރަޖިސްޓްރޭޝަން ބޯޑު" ގެ ނަމުގައި ބޯޑެއް އެކުލަވާލައިފި އެވެ.
މިކަމާއި ގުޅުގެން އެ މިނިސްޓްރީން މިއަދު ނެރުއްވި އިއުލާނެއްގައި ވިދާޅުވީ މި ބޯޑަކީ ރާއްޖޭގައި މަސައްކަތްކުރާ މުދައްރިސުން ރަޖިސްޓަރީ ކުރުމާގުޅޭ އެންމެހައި ކަންކަން ކުރުމަށްޓަކައި އުފައްދާފައިވާ ބޯޑެއްކަމަށެވެ.
އެގޮތުން، އެ މިނިސްޓްރީން އެލުލަވާލެއްވި ބޯޑުގެ ރަޖިސްޓްރާރ އެއްގޮތުގައި ހަރަކާތްތެރިވާނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޢާއިޝަތު ޢާޠިޔާ ނަޞީރު އެވެ. އަދި އެޑިޔުކޭޝަނަލް މެނޭޖްމަންޓް ދާއިރާ ނުވަތަ ތަޢުލީމީ ސިޔާސަތުގެ ދާއިރާ ގައި ހުންނަވާނީ އެޑިޔުކޭޝަން އޮފިސަރ ނަހުޒާ ޝަރީފް އެވެ.
އަދި ކިޔަވައިދިނުމުގެ ދާއިރާގައި އެޑިޔުކޭޝަން އޮފިސަރ ޔުސްރާ މުރާދު ހަރަކާތްތެރިވުމަށް ނިންމާފައިވާއިރު ޗައިލްޑް ސައިކޮލޮޖީ ނުވަތަ އެޑިޔުކޭޝަނަލް ސައިކޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާނީ އެޑިޔުކޭޝަން އޮފިސަރ ފައުޒިއްޔާ ޢަލީ އެވެ.
މީގެ އިތުރުން، ތަޢުލީމީ މަންހަޖު އެކުލަވާލުމުގެ ދާއިރާއިން އެ ބޯޑުގައި ހަރަކާތްތެރިވާނީ އެ މިނިސްޓްރީގެ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ކޯޑިނޭޓަރ އާމިނަތު މުޙައްމަދު އެވެ.

"ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑު" ނުވަތަ މުދައްރިސުން ރަޖިސްޓްރީ ކުރުމަށް އުފައްދާފައިވާ މި ބޯޑަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް އުފެއްދުމަށް ޤާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވާ ބޯޑެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!