ދުނިޔޭގެ ކަނޑުތަކުން ކަޅުބިލަމަހުގެ ބާވަތްތައް ހުސްވެދާނެ ކަމުގެ ބިރު ކުޑަވާން ފަށާފައިފި ކަމަށާއި މިޔަރު ހުސްވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ދިރާސާތަކުން ދައްކައިފިއެވެ.
މި މަހުގެ 3-11 އަށް ފްރާންސްގެ މާސިލީގައި ކުރިއަށްދާ އިންޓަނޭޝަނަލް ޔުނިއަން ފޯ ދަ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) ގެ ވޯލްޑް ކޮންގްރެސްގައި އާންމުކުރި މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި ކަޅުބިލަމަހުގެ އާބާދީ ހުސްވެދާނެކަމުގެ ބިރު ހީވެފައި ވަނިކޮށް، ފާއިތުވި 10 އަހަރުގެ ތެރޭގައި ކުރި މަސައްކަތްތަކުން މަހުގެ އާބާދީ ވަނީ އިތުރުވެފައެވެ.
ނަމަވެސް ކަނޑުމަހުގެ ބައެއް ބާވަތްތަކުގެ އާބާދީ އަދިވެސް ވަރަށް މަދު ކަމަށް އެ ދިރާސާގައި ވަނީ ބުނެފައެވެ.
އާބާދީ އިތުރުވެފައިވާ ކަނޑުމަހުގެ ބާވަތްތަކުގެ ތެރޭގައި އެޓްލާންޓިކް ބްލޫފިން ޓޫނާ އާއި ސަދަން ބްލޫފިން ޓޫނާ އާއި އަލްބަކޯ އާއި ޔެލޯފިން ޓޫނާ ހިމެނެއެވެ.
ކަނޑުމަހުގެ ބާވަތްތަކުގެ އިތުރުން މިޔަރާއި މަޑީގެ ބާވަތްތައްވެސް މިހާރު އެންޑޭޖާ ވުމުގެ ބިރު އެބައޮތް ކަމަށް އެ ދިރާސާއިން ދައްކައެވެ. އެގޮތުން ކޮންމެ 10 ބާވަތުގެ މިޔަރުން އެއް ބާވަތް އަދި މަޑީގެ ވެސް 10 ބާވަތުން އެއް ބާވަތް ނެތިދާނެ ކަމަށް ވަނީ ލަފަ ކޮށްފައެވެ.
އައިޔޫސީއެންގެ ޑިރެކްޓަރ ޖެނެރަލް ޑރ. ބްރޫނޯ އޮބަލީ ވިދާޅުވީ ޖުމްލަކޮށް ކަނޑުގެ ދިރުންތަކުގެ ސްޓޮކާ މެދު އުންމީދީ ނަޒަރަކުން މިހާރު ދެކެވުނަސް މި ހިސާބުން އަދި މިކަން ލުއިކޮށް ނަގައިގެން ނުވާނެ ކަމަށެވެ.
އަދި މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭނެ ޖަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!