އޮޑިޓާ ޖެނެރަލްގެ އޮފީހެއް އަތްފޯރާ ފަށަށް އައުމަކީ ލިބޭ އުފަލެއްކަމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
އާތިފް މިފަދައިން ވިދާޅުވީ އިއްޔެ ކުޅުދުއްފުށި ސިޓީގައި އޮޑިޓަރ ޖެނެރަލް އޮފީހުގެ އުތުރު ސަރަހައްދީ އޮފީސް ހުޅުވިގެން ދިޔުމާއި ގުޅިގެންނެވެ.
އެގޮތުން، އިއްޔެ އާތިފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ އޮޑިޓާ ޖެނެރަލްގެ އޮފީހެއް އެ ސިޓީގައި ހުޅުވިގެންދިޔުމަކީ ކުޅުދުއްފުށްޓާއި ބޮޑުތިލަދުންމަތީގެ ރަށްރަށުގެ އިދާރާތަކަށާއި ރައްޔިތުންނަށް އެކަމުގެ މަންފާ ކުރާނެ ކަމެއް ކަމަށެވެ.
މިކަމުގެ ސަބަބުން އެ ސަރަހައްދުގައި ގާއިމުވެފައި ހުރި ސަރުކާރުގެ އިދާރާތަކަށް ސީދާ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ހިދުމަތް، ކުޅުދުއްފުށިން ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ ސަރުކާރު މުއައްސަސާތަކުން ގަވައިދުން ކުރަންޖެހޭ އޮޑިޓްތައްކޮށް އެކަމުގައި ކުރިއަރަމުން އަންނަ މިންވަރު ދެނެގަތުމަށް ލިބިގެންދާނެ ވަރަށްބޮޑު އެހީތެރިކަމެއް ކަމުގައިވެސް އާތިފް ވިދާޅުވިއެވެ.
"އޮޑިޓް އޮފީހެއް ސީދާ އަތްފޯރާފަށަށް އައުމަކީ އަޅުގަނޑުމެން އެކަމަށްޓަކައި ނުހަނު އުފާކުރާ ކަމެއް. މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަށާއި އޮޑިޓާޖެނެރަލްއަށް ހިތުގެ އިހްލާސްތެރި ޝުކުރު އަރިސްކުރަން"
އާތިފްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
އަދި މި އޮފީސް އަތްފޯރާފަށަށް އައުމުގެ މުހިންމުކަން ފާހަގަކުރަށްވާ އާތިފް ވިދާޅުވީ ހުރިހާ އިދާރާތަކަކުން ވެސް ދައުލަތުގެ ވަސީލަތްތައް ބޭނުން މި ކުރެވެނީ އެންމެ އެދެވޭ ގޮތުގައިކަން ކަށަވަރު ކުރުމަށް އޮޑިޓް އޮފީސްގެ ދައުރަކީ ނުހަނު ބޭނުންތެރި މުހިންމު ދައުރެއްކަމަށާއި ރިސޯސް މެނޭޖް ކުރުމުގައި މީހުންނަށް ހެދޭ ގޯސްތައް ދެނެގަތުމަށާއި، ދައުލަތަށާއި ރައްޔިތުންނަށް އެންމެ ބޮޑު މަންފާއެއް ލިބޭނެ ގޮތަކަށް ވަސީލަތްތައް ބޭނުންކުރުމަށް ގަވައިދުން އޯޑިޓް ކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ.
އޮޑިޓްއޮފީހުގެ އުތުރު ސަރަހައްދީ އޮފީސް ހުޅުވާފައިވަނީ އިއްޔެ ކުޅުދުއްފުށި ސިޓީގައި އެކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. އަދި އެ އޮފީސް ހުޅުއްވައިދެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް އެވެ.
މީގެ އިތުރުން، އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ އާއި އެ އޮފީހުގެ ބައެއް އިސްވެރިންނާއި މޭޔަރ އާތިފް އާއި ހދ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ސިރާޖު އަދި ކުޅުދުއްފުށި ސިޓީގައި ހިންގާ ސަރުކާރުގެ މުއައްސަސާތަކާއި އިދާރާ ތަކުގެ އިސްވެރިން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!