ޓްރޭޑް ފައިނޭންސް ފެސިލިޓީއެއްގެ ދަށުން އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަން (އައިއައިޓީއެފްސީ) އާއި އެސްޓީއޯއާ ދެމެދު 75 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) ގެ އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

އުޒުބަކިސްތާނުގެ ވެރިރަށް ތަޝްކެންތުގައި މިހާރު ކުރިއަށްދާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ބައްދަލުވުމެއްގައި މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެވެ. އަދި އައިއައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހާނީ ސާލެމް އެވެ.

Ad
rt

މި ފެސިލިޓީއާ ގުޅޭގޮތުން އައިއައިޓީއެފްސީން ބުނީ މިއީ ކޯވިޑާ ގުޅިގެން ހީނަރުވެފައިވާ ރާއްޖޭގެ އިގުތިސާދު ދިރުވަން ކުރާ މަސައްކަތަށް މުހިންމު ފެސިލިޓީއެއް ކަމަށެވެ.

އައިއައިޓީއެފްސީ އަކީ އައިއެސްޑީބީގެ ޓްރޭޑް ފައިނޭންސިން ގޮތްޕެވެ. މި ފެސިލިޓީއަކީ އިސްލާމިކް ފައިނޭންސިންގެ މުރާބަހާ ފައިނޭންސިން ފެސިލިޓީއެކެވެ.

އެއްބަސްވުމުގައި ބުނެފައިވާ ގޮތުގައި މި ފެސިލިޓީ ބޭނުންކުރާނީ ތެލާއި ކާޑުގެ ބާވަތްތައް ގަތުމަށް އެކަންޏެވެ.

އައިއައިޓީއެފްސީ އަކީ ކުރިންވެސް އެސްޓީއޯއަށް ޓްރޭޑް ފެސިލިޓީ ހަމަޖައްސައިދެމުން އަންނަ ކުންފުންޏެކެވެ.