ވެލާނާގޭ އިމާރާތުގައި ހުންނަ ޓޫރިޒަމް މިނިސްޓްރީ ތެރެއިން މިއަދު ފެނުނު ގޮތް ނޭނގޭ އެއްޗަކީ ގެއްލުމެއްވާޒާތު ނުރައްކާތެރި އެއްޗެއް ނޫންކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ފެނުނު ގޮތް ނޭނގޭ އެއްޗަކީ އެއްވެސް ގެއްލުމެއް ލިބޭޒާތު އެއްޗެއް ނޫންކަން ސިފައިން މިހާރު ޔަގީންކޮށްފައިވާ ކަމަށެވެ.

Ad
rt

އަދި އޭތި ވަނީ ފުލުހުންގެ ޚިދުމަތާއި ހަވާލު ކުރެވިފައި ކަމަށް ވެސް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

ގޮތް ނޭނގޭ އެއްޗެއްސާ އޮފީސްތަކުން ހަވާލު ނުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ގޮތް ނޭނގޭ އެއްޗެއް ފެނިގެން އެމްއެންޑީއެފްގެ ބޮން ސްކޮޑުން މިއަދު ހަރަކާތްތެރިވެފައިވާއިރު، ދާދިފަހުން ވަނީ ސުޕްރީމް ކޯޓު ދޮރުމަތިން ރިމޯޓް ކާރެއް ފެނިގެންވެސް އެއީ ނުރައްކާތެރި އެއްޗެއްތޯ ބަލަން އެމްއެންޑީއެފުން ހަރަކާތްތެރިވި އެވެ.

އަދި އޭގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ މުލިއާގެ ގޮއްވާލާނެ ކަމަށް ބަޔަކު ބުނުމުން އެތަނުގައިވެސް ބޮން ސްކޮޑުން ހަރަކާތްތެރިވެ ދެ މީހަކު ހައްޔަރު ކުރި އެވެ.

މިދިޔަ މޭ 6 ވަނަ ދުވަހު ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއަށްފަހު ވެލާނާ އެއާޕޯޓްގައި ވެސް ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.