އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުގައި ފަސްލަނޑުޖަހައި ފެންވަރު ދައްކާލި ނަމަވެސް ލީގުގެ ދެވަނަ މެޗުގައި ސައުތެމްޓަންއާއި އެއްވަރުވެ ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.
އާދީއްތަ ދުވަހުގެ ރޭ ސައުތެމްޓަންގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ ޔުނައިޓެޑުންނެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ޔުނައިޓެޑްގެ ޑިފެންޑަރ ވިކްޓަރ ލިންޑަލޯފް ފޮނުވާލި ހަމަލާ އަމާޒުވެފައި ވަނީ ސައުތެމްޓަންގެ ގޯލުގެ ދަނޑިއަށެވެ. އޭގެ އިތުރުން ޔުނައިޓެޑްގެ މިޑްފީލްޑަރ ޕޮގްބާއަށް ވެސް ފުރަތަމަ ހާފުގައި ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުޞަތެއް ލިބި ބޭނުން ނުކުރެވިފައެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ސައުތެމްޓަނުންނެވެ މި ލަނޑަކީ އެ ޓީމްގެ ޗެ އެޑަމްސް ޔުނައިޓެޑްގެ އޭރިއާގެ ތެރޭގައި ހުރެ ފޮނުވާލި ބާރު ހަމަލާ ޔުނައިޓެޑްގެ މިޑްފީލްޑަރ ފްރެޑްގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
މެޗުގައި ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދީފައި ވަނީ 55 ވަނަ މިނެޓުގައި ޕޮގްބާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ގްރީންވުޑެވެ. ލަނޑަށްފަހު ޔުނައިޓެޑުން ވަނީ މެޗުގައި ލީޑު ނެގުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ފުރުޞަތުތަކެއް ތަނަވަސްކުރިއިރު ޕޮގްބާ ފޮނުވާލި ހަމަލާ ދިޔައީ ދަނޑި ކައިރުން ބޭރަށެވެ. މީގެ އިތުރުން ބްރޫނޯ ފެނާންޑޭޒް ބޮލުން ފޮނުވާލި ހަމަލާ ސައުތެމްޓަންގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ.
މި ސީޒަނަށް ބޮޑު އަގުގައި ބްރޫޝިއާ ޑޯޓްމަންޑުން ގެނައި އިންގްލެނޑްގެ ހުނަރުވެރި ޒުވާން ކުޅުންތެރިޔާ ސަންޗޯ މި މެޗުގައި ވެސް ކުޅެފައިވަނީ ބަދަލު ކުޅުންތެރިއެގެ ގޮތުގައެވެ. މި މެޗުގައި ވެސް އޭނާގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިފައިނުވާކަން ފާހަގަ ކުރެވެއެވެ.
ޔުނައިޓެޑުން ލީގުގައި ދެން މެޗެއް ކުޅޭނީ އަންނަ އާދީއްތަ ދުވަހެވެ. އެ ދުވަހު ރަށުން ބޭރުގައި ޔުނައިޓެޑް ނުކުންނާނީ ވުލްވްސްއާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!