ދުނިޔޭގެ ފަގީރު އަދި މެދު ފަންތީގެ ގައުމްތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ ގޮތުން އުފައްދާފައިވާ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ޖަޕާނުން ރާއްޖެއަށް ލައްކަ އަކަށް ވުރެ ގިނަ ޑޯޒު ވެކްސިން ހަދިޔާ ކޮށްފިއެވެ.

ޖަޕާނުން ރާއްޖެއަށް ހަދިޔާ ކޮށްފައި ވަނީ 112،000 ޑޯޒްގެ އެސްޓްރާޒެނެކާ ވެކްސިނެވެ. މި ވެކްސިން ހަދިޔާކޮށްފައިވަނީ ޖަޕާނުގެ "ލާސްޓް ވަން މައިލް ސަޕޯޓް"ގެ ދަށުންނެވެ.

Ad
rt

ފޮރިން މިނިސްޓްރީގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން ވެކްސިނާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު، އަހުމަދު ނަސީމެވެ.

ޖަޕާނުން ވެކްސިން ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ނަސީމް ވަނީ ޖަޕާނު ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ. އެގޮތުން އެ ގައުމުން ފޯރުކޮށްދިން ވެކްސިންގެ ސަބަބުން ރާއްޖޭގެ ވެކްސިން ޕްރޮގްރާމް މެދުކަނޑާނުލާ ކުރިއަށްދިއުމަށް ބޮޑު އެހީއެއް ލިބިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެނަށް ވެކްސިން ޖެހުމަށް ދިވެހި ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލްވުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށެވެ.

މީގެ އިތުރަށް ވެކްސިންގެ އިތުރުން، ކޯވިޑް-19ގެ ބަލިމަޑުކަމުގައި މެޑިކަލް އިކުއިޕްމަންޓާއި މެޑިކަލް ސަޕްލައިގެ އިތުރުން ޖަޕާން ސަރުކާރުން ދިވެހި ސަރުކާރަށް ފޯރުކޮށްދީފައިވާ އެހެނިހެން ދީލަތި އެހީތަކަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދިން ވެކްސިން ޝިޕްމަންޓަކީ އެ ފެސިލިޓީ މެދިވެރިކޮށް ރާއްޖެއަށް ލިބުނު ހަތަރުވަނަ ޝިޕްމަންޓެވެ. އެގޮތުން މި މަހު ކުރީކޮޅު އެމެރިކާއިން ވެސް ވަނީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ލައްކައަކަށް ވުރެ ގިނަ ޑޯޒު ފައިޒަރ ވެކްސިން ވެސް ހަދިޔާކޮށްފައެވެ.

ރާއްޖޭގައި މިވަގުތު ފައިޒަރ ވެކްސިންއާއި، ސިނޮފާމް ވެކްސިންގެ އިތުރުން އެސްޓްރަޒެނެކާ ވެކްސިން ޖަހަމުން އަންނަ އިރު އެންމެ ފުރަތަމަ ރާއްޖޭގައި ވެކްސިން ޕްރޮގްރާމް ފެށީ ކޮވިޝީލްޑް ވެކްސިނާ އެކުއެވެ. ނަމަވެސް އެ ވެކްސިން ހުސްވުމާ ގުޅިގެން މިހާރު ކޮވިޝީލޑް ޖެހި މީހުންނަށް ދެވަނަ ޑޯޒުގެ ގޮތުގައި ވެސް ޖަހަމުން އަންނަނީ އެސްޓްރަޒެނެކާއެވެ.