އއ. ވެލިގަނޑު ރިސޯޓާއި، ވެލިފިނޮޅު ތަރައްގީކުރުމުގައި އއ. ރަސްދޫ މަޑިވަރު ފަޅުން ވެލި ނަގާތީ ފަރަށް ލިބެމުންދާ ގެއްލުމަށް ދާއިމީ ހައްލެއް ހޯދައިދީ އެ އެ މަސައްކަތް ހުއްޓުވުމަށް ސަރުކާރަށް ހުށަހަޅަން އއ. އަތޮޅު ކައުންސިލުން ނިންމައިފިއެވެ.
އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެ މަސައްކަތަށް މަޑިވަރު ފަރުން ވެލިނެގުމުގެ ސަބަބުން ތިމާވެއްޓަށާއި، އެ ސަރަޙައްދުގު ޤުދުރަތީ ދިރުންތަކަށް ނޭދެވޭ އަސަރުކުރުމާއި، ފަތުރުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ދިމާވާނެތީ، އެ ސަރަހައްދުގައި ވަގުތީގޮތުން މަސައްކަތް ހުއްޓާލާފައިވީ ނަމަވެސް އިތުރަށް އެ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓުވައި ދާއިމީ ޙައްލެއް ހޯއްދަވައި ދެއްވުމަށް ސަރުކާރުގައި ދެންނެވުމަށް، ނިންމާފައިވާ ކަމަށެވެ.
އަތޮޅު ކައުންސިލުން ބުނީ ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އއ. ވެލިފިނޮޅު ތަރައްޤީކުރުމާއި، ވެލިގަނޑު ރިސޯޓް ގިރުން ހުއްޓުވުމަށް ސިނަރީ ބޭނުންކޮށްގެން، އއ. ރަސްދޫ މަޑިވަރު ފަޅުތެރެއިން (ފަޅުގެ އުތުރުކޮޅުން) ގިނަ ޢަދަދަކަށް ވެލިނެގުމާއި، މަޑިވަރުފަޅުން ބައެއް ހިއްކަމުންދާތީ، އެކަމުގެ ޝަކުވާ ގިނަ ރައްޔިތުންގެ ފަރާތުންނާއި، އއ. ރަސްދޫ ކައުންސިލުންނާއި އަދި ތޮއްޑޫ ދާއިރާ ހިމެނޭ ރަށްރަށުގެ ގެސްޓް ހައުސްތައް ހިންގާ ފަރާތްތަކުން ކައުންސިލަށް ހުށަހަޅަމުން އަންނަ ކަމަށެވެ.
ބަޔާނުގައި ބުނީ މީގެ ކުރިން ޒަރޫރީ އެކިއެކި ބޭނުންތަކަށާއި، ވިޔަފާރި އުޞޫލުން ގިނަ ޢަދަދަކަށް އއ. ރަސްދޫ މަޑިވަރު ފަޅުތެރިން ވެލިނެގުމުގެ ސަބަބުން، އެ ފަޅުތެރޭގައި ހުރި ސޭންޑް ބޭންކްތައް ގިރައި، ޤުދުރަތީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ، ވެލިނަގަން އެހެން ސަރަހައްދެއް ކަނޑައަޅައި އީ. ޕީ. އޭއިން ކައުންސިލް އަށް އަންގާފައިވާ ކަމަށެވެ.
އއ. ރަސްދޫ މަޑިވަރު ފަޅުގެ ބޮޑުބަޔަކީ އީޕީއޭ އިން ހިމާޔަތްކޮށްފައިވާ ޞަރަހައްދެއްކަން ފާހަގަކޮށް ބުނީ ފަޅުގެ އެއްކޮޅުން ގިނަ އަދަދަކަށް ވެލިނަގަމުންދާތީ ފަޅުތެރޭގައި ހުރި ކުދި ފިނޮޅުތައް ނެތިދިއުމާ، އަދި އެ ފަޅާ ގުޅިފައިހުރި ސްނޯކަލް ކުރުމަށް ހާއްސަ ތަންތަނާ، އަދި ފަރާ ކައިރީގައިހުރި ޑައިވިންގ ސްޕޮޓްތައް ކިސަޑުވެލި އެޅި އެތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބި ގުދުރަތީ ދިރުންތައް ނެތެމުންދާ ކަމަށެވެ.
އޭގެ ސަބަބުން ގެސްޓް ހައުސްތައް ހިންގާ ފަރާތްތަކާއި، އާއްމު ރައްޔިތުން ކޮންމެ ދުވަހަކު އެ ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން އެ ސަރަހައްދަށްގޮސް އިހްތިޖާޖް ކުރަމުންދާ ކަން ފާހަގަކޮސް ބަޔާނުގައި ބުނީ މިކަމުގެ ސަބަބުން ތިމާވެއްޓަށާއި، މި ސަރަޙައްދުގެ ޤުދުރަތީ ދިރުންތަކަށް ނޭދެވޭ އަސަރުކުރަމުންދާ ކަމަށެވެ. އެހެންވެ މިއަދު ބޭއްވި އެ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ ހަވަނަ އާންމު ޖަލްސާގައި ބައިވެރިވެލެއްވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ސަރުކާރުގައި އެދެން ނިންމާފައިވާ ކަމަށް ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!