މީހުން ދިރުއުޅޭ ރަށްރަށުގައި ފަތުރުވެރިން ތިބޭ ތަންތަން ބަލާ ޗެކްކުރުމަށް އިންސްޕެކްޝަނެއް ފަށައިފިއެވެ.

މިއިންސްޕެކްޝަނެއް ފަށާފައި ވަނީ މިއަދު އެވެ. މާލެ އާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އިންސްޕެކްޝަނަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަނާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގުޅިގެން ކުރިއަށް ގެންދާ އިންސްޕެކްޝަނެކެވެ.

Ad
rt

މި އިންސްޕެކްޝަންގައި ކޮވިޑްގެ ހާލަތާ ގުޅިގެން ރާާއްޖެ އަންނަ ފަތުރުވެރިން މާލެއާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ޗުއްޓީ ހޭދަކުރުމާއި ގުޅޭގޮތުން އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރަމުންދޭތޯ އާއި އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ، އުސޫލާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މާލެއާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ޗުއްޓީ ހޭދަކުރުމަށް އެކުލަވާލާފައިވާ އުސޫލުތައް ގާއިމުކޮށްފައިވާ މަޤުޞަދު ހާސިލުކުރުމަށް ޓަކައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ، އުސޫލާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ.

ރާއްޖެ އަންނަ ފަތުރުވެރިން 26 ޖުލައި 2021 އިން ފެށިގެން މާލެއާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ޗުއްޓީ ހޭދަކުރުމަށް ތިބެވޭނީ WHOއިން އިމަރޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ ނުވަތަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ރާއްޖޭގައި ބޭނުންކުރުމަށް ހުއްދަ ދީފައިވާ ކޮވިޑް-19 ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ.

އެގޮތުން ރާއްޖެއަށް ދަތުރުކުރާ ތާރީޚަށް 14 ދުވަސް ވެފައިވާ ފަރާތްތަކަށްވާން ޖެހޭނެ އެވެ. ވެކްސިންގެ ޑޯޒްތައް ހަމަނުވާ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހޮޓާތަކާ، ގެސްޓް ހައުސް ތަކުގައި ތިބެވޭނީ އެރަށެއްގެ މުޅި އާބާދީގެ %60 އަށް މަތިވެފައިވާނަމަ ކަމަށް އެއެޖެންސީން މީގެ ކުރިން ވަނީ އިއުލާން ކޮށްފައެވެ.