ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑް ކުޅުން ފުރަތަމަ މެޗު އެ ޓީމުން ކާމިޔާބު ކޮށްފިއެވެ.
ހޮނހިރު ދުވަހުގެ ރޭ ޑިޕޯޓިވޯ އަލަވޭސްއާއި ބައްދަލުކޮށް ރެއާލުން މެޗު ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ނަތީޖާއަކުންނެވެ.
އެންޗެލޯޓީގެ އިރުޝާދުގެ ދަށުން މި މެޗުގައި ރެއާލުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް އަލަވޭސްގެ ގޯލު ހުޅުވާލެވޭގޮތް ވަނީ ނުވެފައެވެ.
މި މެޗުގައި ރެއާލުން ލީޑު ނަގާފައި ވަނީ 48 ވަނަ މިނެޓުގައެވެ. މި ލަނޑު ހަޒާޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ކަރިމް ބެންޒެމާއެވެ. ދެވަނަ ލަނޑު 56 ވަނަ މިނެޓުގައި މޮޑްރިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ނަޗޯއެވެ. މެޗުގައި ރެއާލުން ކާމިޔާބުކުރި ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ބެންޒެމާއެވެ.
މެޗުގައި އަލަވޭސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު 64 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާޞު ކޮށްދީފައި ވަނީ ޖޯސެލޫއެވެ. މެޗުގައި ރެއާލުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދީފައި ވަނީ ވިނީސިއަސް ޖޫނިއާއެވެ. މި ލަނޑު ޖެހުމަށް އޭނާއަށް ފުރުޞަތު ތަނަވަސް ކޮށްދީފައި ވަނީ ބަޔާން މިޔުނިކުން ފްރީ ޓްރާންސްފާއެއްގައި ރެއާލަށް ބަދަލުވި ޑޭވިޑް އަލަބާއެވެ.
ސްޕެނިޝް ލީގުގައި މިރޭ 20:30 ގައި އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ނުކުންނާނީ ސެލްޓާވިގޯއާއި ދެކޮޅަށެވެ. މިރޭ 23:00 ގައި ބާސެލޯނާ އަމިއްލަ ދަނޑުގައި ނުކުންނާނީ ރެއާލް ސޮސިއެޑާޑްއާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!