ވައިގެ މަގުން ރާއްޖެ އައި ބިދޭސީއެއްގެ އަތުން 15 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.

އެ ބިދޭސީ މީހާއަކީ ބްރެޒިލްއަށް ނިސްބަތްވާ އަންހެނެކެވެ. އަދި އެއީ އުމުރުން 31 އަހަރުގެ މީހެކެވެ.

Ad
rt

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި ބްރެޒިލްގެ އެ އަންހެން އެމީހާ ރާއްޖެ އައީ އިއްޔެ މެންދުރުފަހު އެވެ.

އެ މީހާގެ އަތުން މަސްތުވާތަކެތި ފެނިފައިވަނީ އެ މީހާގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން އޭނާގެ ލަގެޖް ބަލާ ފާސްކުރުމުން ކަމަށް އެ ކަސްޓަމްސްއިން މައުލޫމާތު ދެއްވައެވެ.

ލަގެޖް ފާސްކުރުމުން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ ބާވަތުގެ އެއްޗެއް ފެނުމުން އެ ތަކެތި ޓެސްޓު ކުރިއިރު ކޮކެއިންއަށް ޕޮޒިޓިވްވެފައިވާކަމަށް ވެސް ކަސްޓަމްސްއިން ވިދާޅުވިއެވެ.

އެ މީހާގެ އަތުން އަތުލައިގަނެވެނު މަސްތުވާތަކެތީގެ މަގުމަތީ އަގު 15،985،000.00 (ފަނަރަ މިލިއަން ނުވަލައްކަ އަށްޑިހަފަސް ހާސް) ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްގެ ބަޔާނުގައިވެއެވެ. އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 3.197 ކިލޯ ހުރި ކަމަށް ކަސްޓަމްސް އިން ވިދާޅުވެއެވެ.

މިކަމާއި ގުޅޭ އިތުރު ތަހުގީގު ކުރުމަށްޓަކައި އަތުލައިގަނެވުނު މީހާއާއި މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވިއެވެ.