އިޓަލީގެ އެއްނަމްބަރު ކީޕަރ ޖިއަލޫޖީ ޑޮނަރޫމާ ހިލޭ ޓްރާންސްފާއެއްގެ ދަށުން ފްރާންސްގެ ގަދަބާރެއް ކަމަށްވާ ޕެރިސް ސެންޓި ޖާމެއިން (ޕީއެސްޖީ) އަށް ބަދަލު ވެއްޖެއެވެ.
އުމުރުން 22 އަހަރުގެ ޑޮނަރޫމާ ކުޅެމުންއައި އިޓަލީގެ އޭސީ މިލާނާއެކު ހަދާފައިވާ އެއްބަސްވުން ނިމިދިޔަ ސީޒަންގެ ނިޔަލަށް ހަމަވެފައިވުމާއި ގުޅިގެން އޭނާ ޕީއެސްޖީއަށް ސޮއިކޮށްފައި މިވަނީ ހިލޭ ޓްރާންސްފާއެއްގައި ފަސް އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުންނެވެ.
ބުދަދުވަހު ޑޮނަރޫމާ ޕީއެސްޖީއަށް ސޮއިކޮށްފައިވާއިރު މި އެއްބަސްވުމުގެ ދަށުން 2026 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް އޭނާ ޕީއެސްޖީގައި މަޑުކުރާނެއެވެ.
ޑޮނަރުންމާ ޕީއެސްޖީއަށް ބަދަލުވުމަށްފަހު ބުނެފައިވަނީ ޕީއެސްޖީފަދަ ބޮޑު ކުލަބަކަށް ގުޅެވުމަކީ ވަރަށް އުފާކުރާ ކަމެއްކަމަށެވެ. އަދި އައު ކުލަބާއިގުޅި ޗެލެންޖާއި ކުރިމަތިލާން އޭނާ ތައްޔާރަށް ހުރިކަމުގައި އޭނާވަނީ ބުނެފައެވެ. އަދި މި ކުލަބާއިއެކު ގިނަ ކާމިޔާބީތަކެއް ހޯދައި ކުލަބުގެ ސަޕޯޓަރުން އުފާކޮށްދޭން އޭނާ ބޭނުންވާ ކަމުގައި ވެސް އޭނާ ވަނީ ބުނެފައެވެ.
ޑޮނަރޫމާ ވަނީ ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތް އިޓަލީއަށް ކާމިޔާބު ކުރުމުގައި މުހިންމު ދަޢުރެއް އަދާކޮށްފައެވެ. މިގޮތުން އޭނާ ވަނީ ފައިނަލް މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި އިންގެލްނެޑުން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ދެ ޕެނަލްޓީ މަތަކޮށްފައެވެ. އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަޤާމުވެސް އޭނާ ވަނީ ހޯދާފައެވެ.
ޑޮނަރޫމާ ވަނީ 251 މެޗުގައި މިލާނުގެ ގޯލު ބަލަހައްޓާފައެވެ. ނިމިދިޔަ ސީޒަންގައި މިލާންގެ ގޯލުގައި މޮޅު ކުޅުމެއްދައްކައި ހަތް އަހަރު ފަހު މިލާން ޗެމްޕިއަންސް ލީގަށް ކޮލިފައި ވެގެން ދިޔުމުގައި ވެސް އޭނާގެ ދައުރު ބޮޑެވެ. މިލާން ނިމިދިޔަ ސީޒަން ނިންމާލީ އިޓާލިއަން ސީރިއާގެ ދެވަނަ މަޤާމުގައި އޮވެއެވެ.
ޑޮނަރޫމާ އިޓަލީގެ ސީނިއަރ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅުނީ އުމުރުން އެންމެ 17 އަހަރުގައެވެ. މިހާތަނަށް އިޓަލީގެ ގައުމީ ޓީމަށް 33 މެޗު އޭނާ ކުޅެދީފައެވެ.
ޑޮނަރޫމާއަކީ އަންނަ ސީޒަނަށް އެ ޓީމުން ފްރީ ޓްރާންސްފާގެ ދަށުން ސޮއި ހޯދި ތިންވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން ލިވަޕޫލަށް ކުޅުނު ނެދަލެންޑްގެ މިޑްފީލްޑަރ ވައިނަލްޑަމްގެ އިތުރުން ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސްގެ ސޮއިވެސް އެ ޓީމުން މިހާރުވަނީ ހޯދާފައެވެ. އަންނަ ސީޒަނަށް ޓީމް ވަރުގަދަ ކުރުމުގެ ގޮތުން ނިމިދިޔަ ސީޒަންގައި އިންޓަ މިލާނަށް އިޓާލިއަން ސީރިއާގެ ތަށި ކާމިޔާބު ކޮށްދިނުމުގައި މޮޅު ކުޅުމެއްދެއްކި ހަކީމީގެ ސޮއިވެސް އެ ޓީމުން ވަނީ ހޯދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!