ކައުންސިލްތަކުގެ ސެކެޓްރީ ޖެނެރަލުން އައްޔަން ކުރުމުގައި ސިވިލް ސަރވިސް ކޮމިޝަނަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ތުހުމަތުކޮށްފިއެވެ.

މިގޮތުން އެ ކޯލިޝަނުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ކައުންސިލްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާ ކަމަށްވާ ސެކެޓްރީ ޖެނެރަލުން ޢައްޔަން ކުރުމަށްޓަކައި ކުރި އިއުލާނުގެ މުއްދަތު މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާއިރު، ސަރުކާރުން ބޭނުންވާ ބައެއް ފަރާތްތަކަށް ގުޅާ އިތުރު ފުރުސަތު ދެމުންދާ ކަމުގެ ޝަކުވާތައް އެ ކޯލިޝަނަށް ލިބެމުންދާ ކަމަށެވެ.

Ad
rt

މިއީ ކަނޑައެޅިގެން ކޮރަޕްޝަންގެ ޢަމަލެއްކަން ފާހަގަކޮށް މިކަން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމަށާއި، ކައުންސިލްތަކުގެ ހިންގުމުގެ އިދާރީ ވެރިން ޢައްޔަންކުރަންވާނީ އިންސާފުވެރި ކަމާއެކު ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށް އެ ކޯލިޝަނުން ބުނެފަވެއެވެ.

"ވީމާ ސަރުކާރުން ބޭނުންވާ ބަޔަކު ޢައްޔަންކުރުމަށާއި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ސެކެޓްރީ ޖެނެރަލުން ޢައްޔަން ކުރުމުގެ ކަންކަން ކުރިއަށް ނުގެންދިއުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ގޮވާލަމެވެ. އަދި ސުންގަޑި ހަމަވުމަށްފަހު އިތުރު ފަރާތްތަކަށް ހުޅުވާލާނަމަ އެކަންކުރަންވާނީ ހާމަކަންބޮޑުގޮތެއްގައި އެކަން އިއުލާން ކުރެވިގެން ކަމުގައިވެސް މިކޯލިޝަނުން ދެކެމެވެ." އިދިކޮޅު ކޯލިޝަނުން ވުނެފަވެއެވެ.

އިދިކޮޅުގެ މިފަދަ ތުހުމަތެއް ކުރިއިރު، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ސިޓީ ކައުންސިލްގެ އިދާރާތަކަށާއި އަތޮޅު ކައުންސިލްގެ އިދާރާތަކަށް އަދި ރަށު ކައުންސިލްގެ އިދާރާތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަންކުރުމުގެ ގޮތުން، އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)އިން ޢާންމުކޮށް ހުޅުވާލުމުން 511 މީހަކު ކުރިމަތިލާފައިވާ ކަމަށް ސީއެސްސީން އިއްޔެ ވަނީ ބުނެފައެވެ.

އެ އިދާރާއިން ވިދާޅުވީ ޖޫން 28 ގެ ނިޔަލަށް ސުންގަޑި ހަމަވިއިރު ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް 54 އެޕްލިކޭޝަން އަދި އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް 86 އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ. އަދި ރަށު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެެނެރަލްގެ މަގާމަށް 317 އެޕްލިކޭޝަން ލިބިފައިވާ ކަަމަށެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަޤާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.