ޙައްޤުތަކުގެ ވާހަކަ އަކީ އަބަދުވެސް ބޮޑު ވާހަކައެކެވެ. އިރުއިރުކޮޅާ އަޑު އިވެނީ ކޮންމެވެސް ބަޔަކު ކޮންމެވެސް ޙައްޤުތަކެއްގެ ވާހަކަ ދައްކާ އަޑެވެ. އިންސާނީ ޙައްޤުތަކެވެ. ޖަނަވާރުންގެ ޙައްޤުތަކެވެ.
މިދޭތެރެއަކުން އެއްބަޔަކު މިޔަރު ހިފުމުގެ ހުއްދަ ދޭން ގޮވާލި އިރު އަނެއްބަޔަކު މިޔަރުގެ ޙައްޤުގަވެސް ވަކާލާތު ކުރިއެވެ. މިހެން ގޮސް ވަރަށް ނުބައި ހިސާބަކަށް ވެސް ދެއެވެ.
އިންސާނީ ޙައްޤުތަކުން ގޮފިގޮފިވެގެން އަންނަ "ޙައްޤު" ތަކުގެ ތެރެއަށް އެޢަމަލެއް ކުރުމުގެ ސަބަބުން ﷲ ސުބުޙާނަހޫ ވަތަޢާލާ ޤައުމެއް ހަލާކު ކުރެއްވެވި ޢަމަލު ކަމަށްވާ އެއް ޖިންސުން ގުޅުން ހިންގުމުގެ ޙައްޤާއި، މިއޮތް ފަދަ ސައްތައިން ސައްތަ އިސްލާމީ ދީބުގައި ދީނީ މިނިވަންކަމުގެ ޙައްޤުގެ ވާހަކަތައްވެސް ދެކެވެން ފެށީއެވެ.
ޓުވިޓާ ފަދަ މަންސަތަކުގައި ފޮރުވިގެންތިބެ ﷲ އާއި ރަސޫލާ އަދި އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ޙައްޤު ހޯދަން ވަކާލާތު ކުރާ ފަރާތްތައްވެސް އެބަ އުޅެއެވެ. "އެމް.ޑީ.އެން" ކިޔާ ބަޔަކު މިފަދަ ވާހަކަތަކަކާއެކު ރިޕޯޓެއްވެސް ނެރުނެވެ. އާދެ ވަރަށްވެސް ހިތާމަވެރިއެވެ.
އަޅުގަނޑުމެންގެ ތެރެއިން ބަޔަކު އެލް.ޖީ.ބީ.ޓީ ނުވަތަ އެއްޖިންސުން ގުޅުން ހިންގުމާއި އަންހެނުން ފިރިހެނުންވެ، އަދި ފިރިހެނުން އަންހެނުންވެ، ޖިންސީ ގުނަވަންތައް އަނެއް ޖިންސުގެ ގުނަވަންތަކަށް ބަދަލުކުރުމާއި، އެއްފަހަރާ ދެޖިންސުގެ މީހުންނާ ގުޅުން ހިންގުމާއި މިނޫންވެސް އެތައް ނުބައި ފާޙިޝް ޢަމަލު ތަކަކީ އިންސާނީ ބޮޑު ޙައްޤެއް ކަމުގައި ވަކާލާތު ކުރަމުން ދާއިރު މީގެ ޙަޤީޤަތާމެދު ވިސްނާލާބަޔަކު މީގެ ތެރޭގައި ނޫޅެއެވެ.
މިނުބައި ޢަމަލުތައް މިއަދު ފިލްމު ތަކާއި ޓީވީ ޝޯ އަދި ސީރީސްތަކުގައި ކޮންމެހެން ހިމަނަން ޖެހޭ އިރު އަދި މީގެ ތެރެއިން ބައެއް ކަންކަމަށް ޚާއްސަ ކުލިނިކުތަކާއި ސެންޓަރުތައް ހުޅުވިފައިވާއިރު އަދި ދުނިޔޭގަ އޮތް އެންމެ ބޮޑު ފާޙިޝް އިންޑަސްޓްރީއިން މިކަންތައް އާލާކުރަމުން ދާއިރު މިކަމަކީ މުޅިންވެސް ފައިސާއާ ގުޅިފައިވާ ކަމެއްކަން މިކަންކަމުގެ އަވާގައި ޖެހޭ މީހުން ނުދަނެއެވެ. ބައެއްގެ ދިރިއުޅުން އެއްކޮށް ހަލާކު ކޮށްލައިގެން އެއްބައެއްގެ ޖީބުތައް ދަނީ ފުރާލަމުންނެވެ. މިދެންނެވި އިންޑަސްޓްރީ ތަކާއި، ކުންފުނިތަކާއި، ކުލިނިކުތަކާއި، ފިލްމުތަކާއި ޓީވީ ޝޯތަކާއި ސީރީސް އަދި މިނޫންވެސް މިފަދަ ކަންކަން ހިނގާ ފަރާތްތަކަށް މި ނުބައި ފާޙިޝް ޢަމަލުތައް އާލާކޮށް ދިރުވައިގެން މިލިޔަނުން މިލިޔަނުން ފައިދާވަމުންދެއެވެ.
ޤައުމުތަކުގައި އިސްކޮށް މިކަންކަމަށް ވަކާލާތުކޮށް އުޅޭ ގިނަ މީހުންނަކީވެސް އިސްވެދެންނެވުނު ފަރާތްތަކުގެ މާލީ އެހީތެރިކަން ނިހާޔަތަށް ލިބޭ ބަޔަކަށް ވާކަމީވެސް ނުހަނު ހިތާމަހުރި ކަމެކެވެ. އެކަމަކު މިވެސް ޙައްޤެކޯލައެވެ. ދެން އެންމެ ގަދައަށް ލަވާ ޙަޅޭކަކީ ދީނީ މިނިވަންކަމުގެ ހަޅޭކެވެ.
ސައްތައިން ސައްތަ އިސްލާމީ ދީބެއްގެ ގޮތުގައި މިޤައުމު އަށްސަތޭކަ އެތައް އަހަރެއް ވެއަތުކޮށްފައިވާއިރު، ދިވެހިން ތިބީ އިސްލާމް ދީނާ މެދު ރުހިގެންނެވެ. ނަމަވެސް، މިހާރަކަށް އައިސް ގިނަ ދީންތަކަކަށް މިޤައުމުގައި ޖާގަ ދިނުމަށް ގޮވާލާ މީހުން ވަރަށް ގިނަވެއްޖެއެވެ. މިފަދަ ގިނަމީހުންނަކީ އިސްލާމް ދީނަށް ފާޅާއި ސިއްރިޔާތުގައި ފުރައްސާރަ ކުރާ ބަޔަކަށް ވާކަމީ އަދި މާ ބިރުވެރިކަމެކެވެ.
ޙުއްޖަތެއްކަމުގައި ބުނަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މަދީނާގައި ޤާއިމްކުރެއްވި އިސްލާމީ ދަޢުލަތަކީ ގިނަ ދީން ތަކަކަށް ޖާގަ ދިން ދަޢުލަތަކަށް ވީމަޔޯލައެވެ. ތެދެކެވެ. އެކަލޭގެފާނު މަދީނާގައި އިސްލާމީ ދަޢުލަތެއްގެ ބިންގާ އެޅުއްވިއިރު މަދީނާގައި އެހެން ދީންތަކުގެ މީހުން އުޅުނެވެ. ނަމަވެސް އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި މަދީނާ ކީއްކުރައްވަންތޯއެވެ، މުޅި ޢަރަބި ޖަޒީރާގައި އިސްލާމް ދީން ނޫން އެހެން ހުރިހާ ދީނެއް މަނާކުރެވިއެވެ. މިވާހަކަ ނުދައްކަނީ ކީއްވެތޯއެވެ؟ ޖާބިރު ބިން ޢަބްދުﷲ ވިދާޅުވިއެވެ. ޢުމަރު ބިން ޚައްޠާބު ރަޟިޔަﷲ ޢަންހު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަންނަނިވި ފަދައިން ޙަދީޘްކުރެއްވި އަޑު އެއްސެވިކަމަށް ތިމަންނާއަށް ޚަބަރުދެއްވިއެވެ.
لأُخْرِجَنَّ الْيَهُودَ وَالنَّصَارَى مِنْ جَزِيرَةِ الْعَرَبِ حَتَّى لاَ أَدَعَ إِلاَّ مُسْلِمًا " .
މާނަ: "ތިމަންކަލޭގެފާނު ޖަހޫދީންނާއި ނަޞާރާއިން ޢަރަބި ޖަޒީރާއިން ނެރެލައްވާހުށީމެވެ. އެއީ (މި ޢަރަބި ޖަޒީރާގައި) މުސްލިމުން ފިޔަވައި އިތުރުބަޔަކު ބާކީ ނުތިބޭނޭ ގޮތުގައެވެ."
(ޙަދީޘުގެ ރެފެރެންސް: (ޞަޙީޙް މުސްލިމް: 1767))
އަދިވެސް އަބޫ ޢުބައިދާ ޢާމިރު އިބްނުލް ޛައްރާޙު ރިވާ ކުރައްވާ، އިމާމް މާލިކު، އިމާމް އަޙްމަދު، އައްދާރުމީ އަދި އަބޫ ޔަޢުލާ ނެރުއްވާފައިވާ ޞައްޙަ ޙަދީޘެއްގައި ވެއެވެ. " عَنْ إِسْمَاعِيلَ بْنِ أَبِي حَكِيمٍ، أَنَّهُ سَمِعَ عُمَرَ بْنَ عَبْدِ الْعَزِيزِ، يَقُولُ كَانَ مِنْ آخِرِ مَا تَكَلَّمَ بِهِ رَسُولُ اللَّهِ صلى الله عليه وسلم أَنْ قَالَ " قَاتَلَ اللَّهُ الْيَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ لاَ يَبْقَيَنَّ دِينَانِ بِأَرْضِ الْعَرَبِ "
މާނަ: "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެންމެ ފަހުން ޙަދީޘް ކުރެއްވި ބަސްފުޅުތަކުގެ ތެރޭގައި ވެއެވެ. "މާތް ﷲ ޔަހޫދީންނާއި ނަޞާރާއިންނާއި ހަނގުރާމަ ކުރައްވާށިއެވެ. އެބައިމީހުން އެބައިމީހުންގެ ނަބިއްޔުންގެ މަހާނަތައް އެއީ މިސްކިތްތަކެއް ކަމުގައި (ސަޖިދަ ޖަހާ ތަނެއް ކަމުގައި) ދެކުނެވެ. އަދި ޢަރަބިންގެ ބިމުގައި ދެދީނެއް ނުއޮންނާނެއެވެ."
(ޙަދީޘް ރެފަރެންސް: (މާލިކް: 1617 ، އަޙްމަދު: 1694، އައްދާރުމީ: 2498 އަބޫ ޔަޢުލާ: 872))
އަދިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ ﴿ سورة آل عمران-85﴾
މާނަ: "ދީނެއްގެ ގޮތުގައި އިސްލާމް ދީން ނޫން ދީނެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) ޤަބޫލެއް ނުކުރައްވާ ހުށްޓެވެ. އަދި، އާޚިރަތުގައި ގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ."
އަދިވެސް އެހެން އާޔަތެއްގައި ވެއެވެ.
إِنَّ الدِّينَ عِندَ اللَّهِ الْإِسْلَامُ﴿ سورة آل عمران-19﴾
މާނަ: "ހަމަކަށަވަރުން، اللَّه ގެ ޙަޟުރަތުގައި، ދީނަކީ، އިސްލާމް ދީނެވެ."
ވީއިރު ޙައްޤު ދީނަކީ އިސްލާމްދީން ކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ. އަދި މިދީނަށް ވަނުމަށްފަހު ދީނުން ބޭރުވެ، މުރުތައްދު ވުމުގެ ޙައްޤެއް އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. އަދި އިސްލާމްދީން ފުރިހަމައަށް ޤަރާރުވެއްޖެ ތަނެއްގައި މިދީން ނޫން އެހެން ދީންތަކަކަށް ފުރުސަތު ދިނުމެއްވެސް ނުވެއެވެ. އަޅުގަނޑުމެންގެ މިޤައުމުގައި ވަނީ އިސްލާމް ދީން ފުރިހަމައަށް ޤަރާރުވެފައެވެ.
މާނައަކީ ޤައުމުގެ ދުސްތޫރުން މިޤައުމަކި ސައްތައިންސައްތަ އިސްލާމީ ޤައުމަކަށް ހަދާފައިވާއިރު، ދެން ޙައްޤު ނޫން ދީންތަކަކަށް މިޤައުމުގައި ޖާގަ ދެވިގެން ނުވާނެއެވެ. އަދި އެއީ ކުރެވޭނޭ ނުވަތަ ކުރެވިގެންވާނޭވެސް ކަމެއް ނޫނެވެ. ބުއްދީގެ ގޮތުން ވިސްނާލަބައްލަވާށެވެ. ޙައްޤު ދީނަކީ ހަމައެކަނި އިސްލާމް ދީނެވެ. މިޤައުމުގައި މިއޮތީ ޙައްޤު ދީން ޤަރާރުވެފައެވެ. ސައްތައިން ސައްތަ އިސްލާމީ ޤައުމެއް ގޮތުގައެވެ. ދެން ޙައްޤު ނޫން ދީންތަކަކަށް މިޤައުމުގައި ޖާގަ ދެވުމަކީ ބުއްދި ހަމަޖެހޭ ކަމަކަށް ވާނެތޯއެވެ؟
ބުއިމަށްޓަކައި ތިމާގެ ކުރިމައްޗަށް ފެންތައްޓަކާއި ޒަހަރު ތައްޓެއް ގެނެވި އެތަނުން ކޮންމެވެސް އެކައްޗެއް ބުއިމަށް އިޚްތިޔާރު ކުރަން ޖެހޭ ހިނދު ތިމާ އިޚްތިޔާރުކުރާނީ ފެންތޯއެވެ؟ ނުވަތަ ޒަހަރުތޯއެވެ؟
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!