މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފަށައިފި އެވެ.

މހަރަކާތްތައް ފަށާފައިވަނީ މިއަދު ހެނދުނު 6:00 ގައި އޮންލައިންކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުން ޕާޓީގެ މެމްބަރުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ ދިދަ ނެގުމުގެ ހަރަކާތުންނެވެ.

Ad
rt

މާލޭގައި މިހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެމްޑީޕީ ހަރުގެ ސަރަހައްދުގައެވެ. ޤައުމީ ދިދަ ނަންގަވައިދެއްވީ ޕާޓީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) އެވެ. އަދި އެމްޑީޕީގެ ދިދަ ނަންގަވައިދެއްވީ ޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރަހިމް މުހައްމަދު ސޯލިހާއި، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އޮންލައިންކޮށް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވއެވެ. މާލޭގައި ބޭއްވުނު ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެ ޕާޓީގެ ބައެއް ޤައުމީ މަޖިލީހުގެ މެމްބަރުންނާއި، ޕާޓީގެ ބައެއް އާންމު މެމްބަރުން ބައިވެރިވެފައިވެއެވެ.

އެމްޑީޕީއަށް 16 އަަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް މިއަދު ފަށާފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.

އެ ރަސްމިޔާތުގައި ވަނީ ރާއްޖޭގެ ތިން ސަރަހައްދުގެ ތިން ސިޓީގެ މޭޔަރުން ވާހަކަދައްކަވާފަ އެވެ. އެގޮތުން އައްޑޫ ސިޓީގެ މޭޔަރާއި، ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރުން ރަސްމިއްޔާތުގައި ވާހަކަދައްކަވާފައިވެއެވެ.

އެމްޑީޕީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ފޮނުއްވި މެސެޖުގައި އެމްޑީޕީގެ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެ ޕާޓީގެ ހުރިހާ މެންބަރުންނަށް ވަނީ އަރިސްކުރައްވާފައެވެ.

އެމްޑީޕީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވީ ޤައުމެއް ބިނާކޮށް ރައްޔިތުންގެ އާއްމު ހާލަތު ރަނގަޅުވުމުގެ އެންމެ މުހިއްމު ތަރަަަހައަކީ އިންތިޒާމްވެގެން ހިނގާ ސުލްހަވެރި ސިޔާސީ ހަރަކާތްކަމަށެވެ. އަދި އެ ނިޒާމްގެ ދިވެހި މުއައްސަސާއަކީ އެމްޑީޕީކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީ އަކީ މަލްޓި ޕާޓީ ސިސްޓަމް ރާއްޖެއަށް ތައާރަފުވެ ސިޔާސީ ޕާޓީ ރަޖިސްޓްރީކުރުމަށް ހުޅުވާލުމުން އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި ޕާޓީ އެވެ. އެމްޑީޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވަނީ މީގެ 16 އަހަރުކުރިން 26 ޖޫން 2005 ވަނަ އަހަރު އެވެ.