ބޯޓު ދަތުރު ކުރާ މީހުންގެ ޙައްޤުގައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް އަދި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގައި، ސާބިތު ކަމާއެކު ދެމި ހުންނަވާނެކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

"އިންޓަނޭޝަނަލް ސީ ފެއަރަރސް ޑޭ" ނުވަތަ ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރާ، ކަނޑު އުޅަދު ފަހަރުގެ ފަޅުވެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ނަހުލާ މިއަދު ދެއްވި ހިތޯބެއްގައި ވިދާޅުވީ ސީމަނުންގެ ހުރި މައްސަލަތައް ހައްލު ކުރާށާއ އެމީހުންގެ ހައްގުގައި އަޅަންޖެހޭ ހުރިހާ ފިޔަވަޅަކާއި ކުރަންޖެހޭ ހުރިހާ ކަމެއް ވެސް ކުރައްވާނެ ކަމަށެވެ.

Ad
rt

އެކަމަނާ ވިދާޅުވީ، ދޭދޭ ޤައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރިއާއި، އިޤްތިޞާދީ މުޢާމަލާތްތައް ބަރޯސާ ވެފައިވަނީ، ކަނޑު ދަތުރުފަތުރުގެ މައްޗަށްކަމަށާ، އެއްރަށުން އަނެއް ރަށަށް، އެއް ޤައުމުން އަނެއް ޤައުމަށް، މުދާ އުފުލުމުގެ ހަރަކާތްތައް ނުހުއްޓި ދެމިއޮތުމަކީ އިންސާނީ ތަރައްޤީގައި ޒަރޫރީ ކަމެއްކަމަށެވެ. އަދި މި މުހިއްމު މަސައްކަތުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވާ، ހިތްވަރުގަދަ ފަހުލަވާނުންނަކީ ކަނޑު އުޅަނދުފަހަރުގެ ފަޅުވެރިންކާން ފާހަގަކުރައްވާ، ސީމަނުން އެވާ ގުރުބާނީއާއި، އެމީހުންގެ މަސައްކަތުގެ ބުރަކަމުގެ މައްޗަށް މިނިސްޓަރުގެ ޚިޠާބުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.

ކަނޑުގެ ބިޔަ ރާޅުތަކާއި، މޫސުމުގެ ހަލަބޮލި ކަމުގެ ތެރޭގައި އަދި ހަނގުރާމަ ހިނގާ ސަރަޙައްދުތައް ހުރަސްކޮށް، ކަނޑުފޭރޭ މީހުންގެ ބިރުވެރިކަމުގައިވެސް ސީމަނުން އެމީހުންގެ ވާޖިބު އަދާކުރުމުގައި ދެމިތިބިކަމީ ނުހަނު ބޮޑު ޙަޤީޤަތެއްކަމަށާއި އަނބިދަރިންނާއި، އާއިލާއާއި ދުރުގައި، ސީމަނުން ކަނޑުމަތީގައި އެތައް ދުވަހެއް، އެތައް މަހެއް އަދި އެތައް އަހަރެއް ހޭދަ ކުރުމުގެ ބުރައާއި ތަކުލީފަކީ، އެކަން ތަޖުރިބާކުރި މީހަކަށް މެނުވީ އިޙްސާސް ކުރެވޭވަރަށް ވުރެ ބޮޑު ގުރުބާނީއެއްކަމަށް މިނިސްޓަރ ނަޙުލާ ވިދާޅުވިއެވެ.

"ފުރާނަޔަށް ނުރައްކާވާފަދަ ބައްޔެއް ދުނިޔޭގައި ފެތުރެމުންދާ މިދަނޑިވަޅުގައި، ސީމަނުންނަށް ކުރިމަތިވެފައިވާ ޙައްލުކުރަން ދަތި ބޮޑެތި މައްސަލަތައް އެބަހުރި، ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވިނަމަވެސް، އެމީހުންގެ ބަދަލުގައި ވަޒީފާއަށް އަންނަން ތިބި ސީމަނުންނަށް އާދެވޭނެ ގޮތެއް ނެތިގެން، އަމިއްލަ ވަޒަނަށް އަނބި ދަރީންނާއި، އާއިލާ ގާތަށް ނުދެވި، ބޯޓު ފަހަރުގައި ހައްޔަރުވެފައި ތިބި އެތައް ހާސް ސީމަނުން ތިބިއިރު، އެ ހިތްދަތިކަމާ ވޭނަކީ ސީމަނުންގެ އާއިލާތައް ފިޔަވައި އެހެން ބަޔަކަށް ތަޞައްވަރު ކުރެވޭނެ ކަމެއްނޫން"

މިނިސްޓަރ ވިދާޅުވެފައިވެއެވެ.

އެކަމަނާ ވިދާޅުވީ، ރާއްޖެއަކީ ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމަކަށްވެފައި، ދަތުރު ފަތުރުގެ ނިޒާމު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ، ކަނޑު މަގުންކަމަށެވެ. އަދި އެތައްސަތޭކަ އުޅަނދެއްގައި އެތައްސަތޭކަ ސީމަނުން، ރާއްޖޭގެ ކަނޑުތަކުގައި ކޮންމެ ދުވަހަކު ދަތުރުކުރަމުންދާކަން ފާހަގަކުރައްވާ، ސީމަނުންގެ ޙަޔާތަކީ ރާއްޖޭގެ ޠަބީޢަތާއި މާޙައުލާއި ގުޅިލާމެހިފައިވާކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ނަހުލާ ވިދާޅުވީ، ރާއްޖޭގައި މި ސިނާޢަތް ކުރިއެރުވުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އަދި ސީމަނުންގެ ޙައްޤުގައި އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް އަދި ކުރަންޖެހޭ ކަމެއް ކުރުމުގައި، ސާބިތު ކަމާއެކު ފަސްނުޖެހި ދެމި ހުންނާނެކަމުގެ ޔަޤީންކަން މިނިސްޓަރ ނަހުލާ ވަނީ ދެއްވާފައެވެ.

ސީފެއަރަރސް ޑޭ ބައިނަލް އަޤްވާމީ ފެންވަރެއްގައި ފާހަގަ ކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ، ސީމަނުންގެ ޤުރުބާނީއާއި ޚިދުމަތުގެ އަގުވަޒަން ކުރުމާއި، ސީމަނުންގެ މަސައްކަތާއި އެކަށީގެންވާ އުޖޫރައެއް ލިބިދިނުމަށް ވަކާލާތުކުރުމާއި، އެމީހުންގެ ޞިއްޙީ އަދި މަސައްކަތު މާޙައުލުގެ ރައްކާތެރިކަން، ކަށަވަރުކުރުން ފަދަ ކަންކަމުގައި ބައިނަލް އަޤްވާމީ އަދި ޤައުމީ ފެންވަރުގައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ތަންފީޒީ ބާރު ވަރުގަދަކުރުމެވެ.