އދ. ހަންޏާމީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓް މިދިޔަ އާދީއްތަ ދުވަހު ޕްރޮޖެކްޓްސައިޓަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީން) ބުނެފިއެވެ.
މި މަޝްރޫއުގެ ދަށުން 204 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށި ލާނެއެވެ. އަދި 6،363.1 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 266 މީޓަރުގެސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސްއެމްޓީސީސީން ކުރާނެއެވެ.
މީގެ އިތުރުން މަގު ބައްތި ހަރުކުރުމާއި، 1،330 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްގެންދާނެއެވެ.
މި މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗާއިން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްދާ މަޝްރޫއެކެވެ. މިމަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ 2019ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.
މި މަޝްރޫއަށް 32.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!