އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ޢަމަލުތައް ވަކިން ހިމަނައި، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާގޮތަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުން ނިންމައިފި އެވެ.

އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ނަފްރަތުގެ ޢަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކަމާބެހޭ ބިލެއް ހުށަހަޅާފައިވާ ކަމަށެވެ.

Ad
rt

އެ ބިލު ހުށަހެޅުމާ ގުޅިގެން ޢާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ޙައްލެއް ހޯދުމަށްޓަކައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ އިތުރު ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައި، އެ ބިލު މަޖިލީހަށް ފޮނުވުމަށްޓަކައި ރައީސުލްހުމްހޫރިއްޔާގެ އޮފީހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.

"ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 617 ވަނަ މާއްދާގައި މިހާރުވެސް އެކުލެވޭ ކުށެއް ކަމުގައިވާ "އިސްލާމްދީނާ އިދިކޮޅު ޢަމަލުތައް" އިތުރަށް ތަފްޞީލުކޮށް، އެ ކުށުގެ ޢަމަލުގެ ތެރޭގައި، އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ޢަމަލުތައް ވަކިން ހިމަނައި، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާގޮތަށް އެ މާއްދާގައި އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙު ގެނައުމެވެ." އޭޖީ އޮފީހުން ވިދާޅުވެފަވެއެވެ.

އެގޮތުން، މުއާޞަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުރީނުކުރުމުގެ ނިޔަތުގައި، ބަހުން ނުވަތަ ޢަމަލުން، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއް ކަމުގައި ކަނޑައެޅިގެން ބަޔާންކުރުމަށް އެ ބިލުގައި ހުށަހަޅާފައިވާނެ ކަމަށް އޭޖީ އޮފީހުން ވިދާޅުވެއެވެ.