ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފާރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވާން އެދޭކަމަށާއި، ވަކިން ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް އެދޭކަމަށެވެ.
ހުޅަނގު މޫސުގެ ދުވަސްވަރު ކަމަށް ވުމުން ކުރިއަށް އޮތް 4 ދުވަހު ވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް އެ އިދާރާއިން ލަފާކުރަށްވައެވެ.
ހާއްސަކޮށް ރާއްޖޭގެ އިތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ގަނޑުގަދަވެ، ވައިގަދަވާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި އުދައިގެ އަސަރު ކުރާނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
އާންގޮތެއްގައި ގަޑިއަކު 17 މޭލާއި 27 މޭލާއި ދެމެދު ވައިޖެހޭނެ ކަމަށްލަފާކޮށްފައިވާއިރު، ވިލާގަނޑުގައި 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
އެ އިދާރާއިން ހާމަކުރާގޮތުގައި ރާއްޖެއާއި ދުރުން ބަންގާޅު ކަނޑުގައި ވަނީ ކޮޅިގަނޑެއް އުފެދިފައެވެ. އެ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރުތެރޭ ތޫފާނަކަށް ބަދަލުވުމުގެ ފުރުޞަތު އޮތް ކަމަށާއި، ނަމަވެސް އެ ކޮޅިގަނޑު ދަތުރުކުރަނީ ރާއްޖެއާއި ދުރަށް ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!