ސްޕެނިޝް ލަލީގާގައި އަންގާރަ ދުވަހުގެ ރޭ ބާސެލޯނާއާއި ލެވަންޓޭ ބައްދަލުކުރި މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ބާސާއިން ނަގާލައިފިއެވެ. މި މެޗު ނިމިގެން ގޮސްފައިވަނީ 3-3 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މެޗު ފަށައިގެން ބާސާއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން ފުރަތަމަ ހާފުގައި އެ ޓީމުން ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު 25 ވަނަ މިނެޓުގައި އެ ޓީމްގެ ކެޕްޓަން ލައިނަލް މެސީ ކާމިޔާބު ކޮށްދިންއިރު، ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ޒުވާން މިޑްފީލްޑަރ ޕެޑްރީއެވެ.
ފުރަތަމަ ހާފުގައި ބާސާއިން ދެ ލަނޑު ކާމިޔާބު ކުރުމާއިއެކު މި މެޗު ފަސޭހަކަމާއިއެކު އެ ޓީމުން ކާމިޔާބު ކުރާނެ ކަމަށް ބެލެވުނު ނަމަވެސް ފަހު ހާފުގައި ލެވަންޓޭއިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި މެޗުގެ އޮއިވަރު ބަދަލު ކޮށްލާފައެވެ. މިގޮތުން އެ ޓީމުން ވަނީ ދެވަނަ ހާފުގެ ކުރީކޮޅު ކައިރި ކައިރީ ދެ ލަނޑުޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ފުރަތަމަ ލަނޑު 57 ވަނަ މިނެޓުގައި މެލޭރޯ ކާމިޔާބު ކޮށްދިންއިރު، ނަތީޖާ ހަމަހަމަ ކުރި ލަނޑު 59 ވަނަ މިނޓުގައި ކާމިޔާބު ކޮށްދިނީ މޮރާލެސްއެވެ.
ނަމަވެސް ބާސާއިން ވަނީ މެޗުގެ 64 ވަނަ މިނެޓުގައި ލަނޑު ޖަހައި މެޗުގެ ނަތީޖާ އެ ޓީމް ކޮޅަށް އަނބުރާލާފައެވެ. އެ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ޑެމްބެލޭއެވެ. ނަމަވެސް މެޗުގެ 83 ވަނަ މިނެޓުގައި ލަނޑު ޖަހައި ލެވަންޓޭއިން ވަނީ ބާސާ މޮޅުވިޔަ ނުދީ ހިފަހައްޓާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ސާޖިއޯ ލެއޯންއެވެ.
މި މެޗުން ތިން ޕޮއިންޓް ހޯދައިގެން ބާސާއަށް ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލަށް ފުރުޞަތު އޮތް ނަމަވެސް މި މެޗު އެއްވަރު ވުމާއި ގުޅިގެން އެ ޓީމަށް މިވަގުތު ލިބެނީ ތާވަލުގެ ދެވަނައެވެ. އެ ޓީމަށް ލިބިފައިވަނީ 36 މެޗުން 76 ޕޮއިންޓެވެ. އެއްވަނާގައި 35 މެޗުން 77 ޕޮއިންޓް ހޯދައިގެން އެތުލެޓިކޯ މެޑްރިޑް އޮތްއިރު ތާވަލުގެ ތިންވަނާގައި 35 މެޗުން 75 ޕޮއިންޓް ހޯދައިގެން އޮތީ ރެއާލް މެޑްރިޑެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!