މޫސުން ގޯސްވުމުގެ ސަބަބުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ ހުދު ސަމާލު ނެރެފައިވަނީ މިއަދު މިރޭގެ 22:30 އިން ފެށިގެން މިރޭ މެންދަމު 03:30 އާއި ހަމައަށް ކަމަށެވެ.
މި ވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، އަދި 40 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވާއިރު، އިއްޔެ މެޓުން ވަނީ މިއަހަރުގެ ހުޅަނގު މޫސުން ރާއްޖެ ސަރަޙައްދަށް ފެށެން ކައިރިވުމާއި ގުޅިގެން، މިއަދުން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައެވެ.
Alert white for heavy rain, thunderstorms and gust winds of 40 mph with rough seas. pic.twitter.com/UrZYBomVPn
— Maldives Meteorology (@MetMaldives) May 11, 2021
އެގޮތުން މިދުވަސްތަކުގެ ރާއްޖޭގެ ބޮޑު ބަޔަކަށް އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 5 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރު މިނުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ވިދާޅުވިއެވެ. އަދި ދިޔަވަރު ބޮޑުވާ ފުވަސްތަކުގައި ބައެއް ރަށްތަކަށް އެދައެރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މެޓުން ވިދާޅުވިއެވެ.
ރާއްޖޭގެ މޫސުން ކުރިއަށް އޮތް ދުވަސްތަކުގައި ގަދާވާނެ ކަމަށް ލަފާކޮށް މެޓުން ވަނީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން އެކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އަދި ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތި ވެދާނެ ނުރައްކާ ތަކުން ސަލާމަތް ވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!