ޤަޟާ-ޤަދަރަށް އީމާންވުމަށް ދަރިންނަށް ނަސޭޙަތް ދިނުމަކީ އަދުގެ މުޖުތަމަޢަށް ދަރިން ނުކުތުމުގެ ކުރިން މައިންބަފައިން އެކުދިންނަށް ކޮންމެހެންވެސް ދޭން ޖެހޭ ނަސޭޙަތްތަކެކެވެ.

މިމަޢުޟޫއަކީ އަދުގެ ޒުވާނުން ދީނާ ދުރަށްދާ ވަރަށް ބޮޑު އެއް ސަބަބެވެ. މިހެން ދިމާވަނީ ޤަޟާޤަދަރާ ބެހޭ މަޢުލޫމާތު ލިބިފައި ނެތުމާއެކު، އަމިއްލަ ސިކުންޑިން ވިސްނޭއެއްޗަކަށް ބިނާކޮށް ނުވަތަ އިންޓަރނެޓުން ފެންނަ ތަކެތިން ހިތުގައި ޤަޟާ-ޤަދަރާ ބެހޭގޮތުން އެކިއެކި ޝުބުހާތައް އެފެދުމުންނެވެ.

Ad
rt

ރަނގަޅު ނޫން ކަމެއްކަމުގައި އެކުދިންނަށް ހީވާ ކަންތައްތަކަކީވެސް ޙަޤީޤަތުގައި އޭގައި ހެވެއް ވާނޭ ކަންތައްތަކެއްކަން އެކުދިންނަށް އެނގިފައިވުން ވަރަށް މުހިންމެވެ. މިޘާލަކަށް ކުއްޖަކު ވަރަށް ބޮޑަށް ބަލިވުމަކީ އެއީ ރަނގަޅު ނޫން ކަމެއްކަމުގައި އެކުއްޖާ އަށް ހީވެދާނެއެވެ. ނަމަވެސް الله އެކުއްޖާ ބަލިވުމަށް އިރާދަކުރައްވާނީ އެކަމުން އެކުއްޖާއަށް ކުރެވިފައިވާ ރަނގަޅުނޫން ކަންތަކުގެ ފާފަތައް ފުއްސެވުމަށްޓަކަން އެކުދިންނަށް ވިސްނައިދޭށެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލއިހި ވަސައްލަމްގެ ޙަދީޘްފުޅެއްގެ މާނާގައިވެއެވެ. "އެމުޞީބާތެއް ޖެހުމުގެ ސަބަބުން ﷲ އެމީހެއްގެ ފާފަ ނުފުއްސަވާނޭ އެއްވެސް މުޞީބާތެއް މުސްލިމަކަށް ނުޖެހެއެވެ. އެއީ އޭނާގެ ގަޔަށް ކައްޓެއް ހެރުނު ކަމުގައި ވީނަމަވެސްއެވެ." (މިޙަދީޘް ރިވާކުރެއްވީ އިމާމް ބުޚާރީއެވެ.)

ޤިޔާމަތަށް ދާންދެން ވާނޭ ހުރިހާ ކަމެއް ﷲ މޮޅަށް ދެނެވޮޑިގެންވާ ކަމާއި، އެއިލާހުގެ އިލްމުފުޅުގައިވާ އެހުރިހާ ކަމެއް އެއިލާހު ފޮތެއްގައި (އައްލައުޙުލް މަޙްފޫޡުގައި) ލިޔުއްވާފައިވާކަމާއި ކޮންމެ ކަމެއްވެސް ހިނގާނީ ﷲގެ ނިޔާއާ އެކުކަން އެކުދިންނަށް އުނގަންނައިދޭންވާނެއެވެ. އަދި ރަނގަޅު ކުއްޖެއްކަމުގައި ވުމަށް އެދޭނަމަ ﷲ އެކުއްޖަކަށް ރަނގަޅުމަގަށް މަގަށް މަގުދައްކަވާނެކަން ޔަޤީންކޮށް އަބަދުވެސް ބަސްއަހާ ކުދިބަޔަކަށް ވުމަށް އެކުދިންނަށް ގިނަގިނައިން ނަސޭޙަތްތެރިވާށެވެ.

ޒުވާން އުމުރަށް އެރުމާއެކު މިމަޢުޟޫގައި މަޢުލޫމާތު ރަނގަޅަށް ލިބިފައި ނުވާ ކުދިން ވަރަށް ގިނައި އުފައްދާ ސުވާލެކެވެ. ﷲ ވަނީ އައްލައުޙުލް މަޙްފޫޡުގައި އަހަރެން އުޅޭނޭގޮތް ލިޔުއްވާފައެވެ. އެހެންކަމުން އެފޮތުގައި އަހަރެން ގޯސްކޮށް އުޅޭނޭކަމަށް ލިޔުއްވާފައިވާތީ އަހަންނަށް ރަނގަޅަށް ނޫޅެވެނީއެވެ.

މިއީ ޙަޤީޤަތުގައި ބޮޑުވެގެންވާ ދޮގެކެވެ. ފުރަތަމަކަމަކަށް އެފޮތުގައި ލިޔުއްވިފައިވާ އެއްޗެއް އޭނާއަކަށް ނޭގޭނެއެވެ. ދެވަނަ ކަމަކަށް ﷲ އެފޮތުގައި ކަންތައްތަކެއް ލިޔުއްވީތީ އޭނާއަށް އެގޮތަށް ކަންތައްތައް ކުރެވެނީއެއް ނޫނެވެ. އެހެނެއްކަމަކު އޭނާ ދުނިޔެއަށް އުފަންވީއްސުރެ މަރުވަންދެން އުޅޭނޭ ހުރިހާ ގޮތެއް އެއިލާހު މޮޅަށް ދެނެވޮޑިގެންވާތީ، އެއިލާހުގެ މަތިވެރި ޙިކުމަތްފުޅާއެކު އެހުރިހާ ކަމެއް އެއިލާހު ފޮތެއްގައި ލިޔުއްވީއެވެ. އެއިލާހަކީ އަލް ޢަލީމު އަދި އަލްޙަކީމުއެވެ.

ތިންވަނަކަމަކަށް، އޭނާ އެބުނާފަދައިން އޭނާ ވަނީ ވަކި ގޮތަކަށް އުޅުމަށް މުޖުބޫރު ކުރެވިފައި ނޫން ކަމާއި، އޭނާ އަށް ﷲ އީމާންކަމާއި ކާފިރުކަމާ ދެމެދުން ގޮތެއް އިޚްތިޔާރު ކުރުމުގެ ފުރުސަތު ﷲ ދެއްވާފައިވާކަން ޤުރްއާނުގެ އެތައް އާޔަތަކުން އަހަރެމެންނަށް އިނގެއެވެ.

ﷲ ވަޙީކުރައްވާފައިވެއެވެ. وَقُلِ الْحَقُّ مِن رَّبِّكُمْ فَمَن شَاءَ فَلْيُؤْمِن وَمَن شَاءَ فَلْيَكْفُرْ ‎﴿الكهف: ٢٩﴾‏

މާނަ: "އަދި ކަލޭގެފާނު ވިދާޅުވާށެވެ! (އެއީ) ތިޔަބައިމީހުންގެ ވެރިއިލާހުގެ ޙަޟްރަތުން އައިސްފައިވާ ޙައްޤު ތެދެވެ. ފަހެ، ބޭނުންމީހަކު އީމާންވާށެވެ! އަދި ބޭނުންމީހަކު ކާފިރުވާށެވެ!"

އަދިވެސް އެއިލާހު ވަޙީކުރައްވާފައި ވެއެވެ: وَهَدَيْنَاهُ النَّجْدَيْنِ ‎﴿البلد: ١٠﴾‏

މާނަ: " އަދި ދެމަގަށް ތިމަންއިލާހު އޭނާޔަށް މަގުދެއްކެވީމެވެ."