ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމެއްގައިވެސް ﷲ އަށް ފުރިހަމައަށް ތަވައްކުލް ކޮށް، ސަބަބުތަކުގައި ހިފައި، އެއިލާހުގެ ކިބައިން އެހީތެރިކަމާއި ވާތްގަށް އެދުމަށް ދަރިންނަށް ކުޑައިރުއްސުރެވެސް ދަސްކޮށްދޭންވާނެއެވެ.
ރަސޫލުﷲ ވަނީ އެކަމަށް ނަމޫނާ ދައްކަވާފައެވެ. އަބްދުﷲ އިބްނު ޢައްބާސް ކުޑަކުއްޖެއްކަމުގައި ވަނިކޮށް އެކަލޭގެފާނަށް ރަސޫލުﷲ ޙަދީޘްކުރެއްވިއެވެ:
((يَا غُلَامِ! إنِّي أُعَلِّمُك كَلِمَاتٍ: احْفَظْ اللَّهَ يَحْفَظْك، احْفَظْ اللَّهَ تَجِدْهُ تُجَاهَك، إذَا سَأَلْت فَاسْأَلْ اللَّهَ، وَإِذَا اسْتَعَنْت فَاسْتَعِنْ بِاَللَّهِ، وَاعْلَمْ أَنَّ الْأُمَّةَ لَوْ اجْتَمَعَتْ عَلَى أَنْ يَنْفَعُوك بِشَيْءٍ لَمْ يَنْفَعُوك إلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ لَك، وَإِنْ اجْتَمَعُوا عَلَى أَنْ يَضُرُّوك بِشَيْءٍ لَمْ يَضُرُّوك إلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْك؛ رُفِعَتْ الْأَقْلَامُ، وَجَفَّتْ الصُّحُفُ.))( )
މާނަ: އޭ ކޮއިފުޅާއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު ތިބާއަށް ކަލިމަތަކެއް އުނގަންނަވަ އިދެއްވާނަމެވެ. ﷲއަށް (ﷲ ގެ އަމުރުފުޅުތަކަށް) ރައްކާތެރިވާށެވެ. އޭރުން ﷲ، ތިބާ ރައްކާތެރި ކުރައްވާނެއެވެ. ﷲއަށް (ﷲ ގެ އަމުރުފުޅުތަކަށް) ރައްކާތެރިވާށެވެ. އޭރުން ތިބާގެ ކުރިމަތީގައި އެއިލާހު ވޮޑިގެންވާނެއެވެ. (އެބަހީ އެއިލާހު ތިބާއަށް ހެޔޮމަގު ދައްކަވާނެއެވެ.) ތިބާ ކަމަކަށް އެދޭނަމަ ﷲ ގެ ޙަޟްރަތުން އެދި ދަންނަވާށެވެ. އަދި ވާތްގަށްއެދޭނަމަވެސް ﷲގެ ޙަޟްރަތުން ވާތްގަށް އެދޭށެވެ.
އަދި ދަންނާށެވެ. ހަމަކަށަވަރުން މުޅި އުއްމަތުގެ އެކަތިގަނޑަކަށްވެ، ތިބާއަށް މަންފާއެއް ޙާޞިލުކޮށްދޭން އެދުނު ނަމަވެސް، ﷲ ތިބާއަށްޓަކައި ލިޔުއްވާފައިވާ މަންފާއެއް މެނުވީ އެބައިމީހުންނަކަށް ޙާޞިލުކޮށެއް ނުދެވޭނެއެވެ. އަދި އެބައިމީހުން އެކަތިގަނދަކަށްވެ ތިޔަބައިމީހުންނަށް ގެއްލުމެއްދޭން އުޅުނު ނަމަވެސް، ﷲ ތިބާގެ މައްޗަށް ލިޔުއްވާފައިވާ ގެއްލުމެއް މެނުވީ އެބައިމީހުންނަކަށް ނުދެވޭނެއެވެ.
ގަލަންތައް އުފުލިއްޖެއެވެ. އަދި ލިޔެވުނު ފަތްތައް ހިކިއްޖެއެވެ. (އެބަހީ އެންމެހާ ކަމެއް ވަނީ ލިޔެވި ނިމިފައެވެ. އަދި އެއިލާހުގެ ނިޔާފުޅާއެކު އެކަނކަން ހިނގާނެއެވެ.)
ﷲ އަށް ވަކީލު ކުރުމުގެ މާނައަކީ އެއިލާހަށް ދުޢާކޮށް ވާތްގަށް އެދުމަށްފަހުގައި އިތުރު އެއްވެސް ކަމެއް ނުކޮށް ހުރުމެއް ނޫނެވެ. ވަކީލު ކުރުން އަންނަނީ ސަބަބު ތަކުގައި ހިފުމާއެކުއެވެ.
މިޘާލަކަށް ދަރިފުޅު އޭނާގެ މަދަރުސީ އިމްތިޙާނު ތަކުން މަތީ ނަތީޖާއެއް ލިބުމަށް ގިނަގިނައިން ދުޢާކޮށް، ﷲ އޭނާއަށް މަތީ ނަތީޖާ ދެއްވުމަށް އިރާދަކުރައްވާނެ ކަން ޔަޤީން ކޮށްގެން ހުރުމަކީ، މިކަމުގައި ﷲއަށް ވަކީލު ކުރުމުވެ. ނަމަވެސް ވަކީލުކުރުމާއެކު ފިލާވަޅުތައް ބަރާބަރަށް ކިޔަވައި މުދައްރިސުން ދެއްވާ މަސައްކަތްތަށް ފުރިހަމައަށް އަދާ ކުރަންވާނެއެވެ. އެއީ ސަބަބުތަކުގައި ހިފުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!