ޔުއެފާ ޗެމްޕިއަންސް ލީގު ސެމީފައިނަލުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ކަމުގައިވާ ސްޕެއިންގެ ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު މުބާރާތުގެ ފައިނަލަށް ޗެލްސީ ދަތުރު ކޮށްފިއެވެ.

މި ދެޓީމް ވާދަކުރި ސެމީފައިނަލުގެ ފުރަތަމަ ލެގުގެ މެޗު ކުޅެފައިވަނީ ރެއާލްގެ ދަނޑުގައެވެ. އެ މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ބުދަދުވަހުގެ ރޭ މި ދެ ޓީމް ބައްދަލުކުރި ސެމީ ފައިނަލުގެ ދެވަނަ މެޗު ޗެލްސީގެ ދަނޑުގައި ކުޅެފައިވާއިރު މި މެޗު ޗެލްސީ ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ޗެލްސީއަށް ފައިނަލުގެ ޖާގަ ލިބިފައިވަނީ 3-1 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.

Ad
rt

މުޅި މެޗުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ރެއާލުން ކުޅުނު ނަމަވެސް އެ ޓީމަށް ލަނޑު ޖަހާނެ މާގިނަ ފުރުޞަތުތަކެއް ހޯދިފައި ނުވެއެވެ. ނަމަވެސް ޗެލްސީން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ފުރަތަމަ ހާފުގައި ވެސް ތަނަވަސް ކޮށްފައެވެ. މިގޮތުން އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު 28 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ޓިމޯ ވާނާއެވެ. ވާނާ މި ލަނޑު ކާމިޔާބު ކޮށްފައިވަނީ އެ ޓީމްގެ ހާވަޓްޒްއަށް ލަނޑުޖަހަން ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ގޯލުގެ ހުރަސްދަނޑީގައި ޖެހިފައިއައި ވަގުތު ހުސްކޮށްހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އޭގެ ފަހުން ރެއާލްގެ ފޯވާޑް ކަރީމް ބެންޒެމާ ވަނީ ޗެލްސީގެ ގޯލަށް ނުރައްކާ ދެ ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް މި ދެ ހަމަލާވެސް ޗެލްސީގެ ގޯލްކީޕަރ މެންޑީ ވަނީ ދިފާއު ކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ޗެލްސީން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މިގޮތުން ހާވަޓްޒް އަދި ކަންޓޭގެ އިތުރުން މޭސަން މައުންޓްއަށް ލިބުނު ހުސް ފުރުޞަތު ފާހަގަ ކޮށްލެވެއެވެ. މި ހުރިހާ ހަމަލާއެއްގެ ހުރަހަކަށް ވެސް ވެފައިވަނީ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ޗެލްސީގެ ކުރީގެ ކީޕަރ ކޯޓުއާއެވެ. މި މެޗުގައި ޗެލްސީން ދެވަނަ ލަނޑު މެޗު ނިމެން ފަސްމިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައިވަނީ ޕުލިސިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މައުންޓްއެވެ.

ޗެލްސީއަށް ޗެމްޕިއަންސް ލީގު މިހާތަނަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 2012 ވަނަ އަހަރު ފައިނަލުގައި ބަޔާން މިޔުނިކް ބަލިކުރުމަށް ފަހުއެވެ. މިއީ އެ އަހަރަށް ފަހު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޗެލްސީ ކުޅޭ ފުރަތަމަ ފަހަރެވެ.

ޗެލްސީއާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު ތުރުކީގެ އިސްތަމްބުލް ގައެވެ.