މުސްލިމުންގެ މިޢުރާޖަކީ ނަމާދެވެ. ކޮންމެ ދުވަހަކު ކުރާ ފަރުޟު ފަސްނަމާދަކީ އިޖްބާރީ މިންވަރެވެ. ފަސް ނަމާދު ނުކުރާނަމަ އެ މީހަކު އިސްލާމްކަމުގެ އިމުން ބޭރުވެ ހިނގައިދާނެއެވެ. އެހެންކަމުން ފަރުޟު ފަސްނަމާދު ފުރިހަމައަށް އަދާކުރަންވާނެއެވެ.
އޭގެ އިތުރަށް ސުންނަތް ނަމާދުތަކަކީ ޢަޅާއާއި ރައްބާ ދެމެދު އޮންނަ ގުޅުން ހަރުދަނާ ކުރުމަށް ކުރަންވީ ނަމާދެކެވެ. ތިމާގެ އަމިއްލަ ހިތްހަމަޖެހުމަށާއި، ހިސާބާއި ކިތާބުގެ ދުވަހު، މީޒާނުގެ ވަޒަން ބަރުކުރުމަށް ދުނިޔޭގައި ކުރެވޭނެ އެންމެ ހެޔޮކަމަކީ ނަމާދު ކުރުން ގިނަކުރުމެވެ. ކަންބޮޑުވެ އުނދަގޫވާ ކަމެއް އިހުޞާޞް ކުރެވޭ ކޮންމެ ފަހަރަކު ރަސޫލާ ﷺއާއި އިތުރު އެކަލޭގެފާނުންގެ ޞަޙާބީން އަވަސްވެގަންނަނީ ނަމާދަށެވެ.
ނަމާދުގެ އެންމެ އަޞާޞީ ރުކުނަކީ ސޫރަތުލް ފާތިޙާއެވެ. ފަރުޟު ނަމާދުތަކަށް އެކަނި ބަލައިލި ނަމަވެސް ކޮންމެ ދުވަހަކު 17ފަހަރު އަޅުހަނޑުމެން އެ ސޫރަތް ކިޔަވަމުއެވެ. ކޮންމެ ނަމާދެއްގެ ކޮންމެ ރަކުޢަތެއްގައެވެ. އެ ސޫރަތާ ނުލައި ނަމާދު ޞައްޙަ ވެގެން ނުވެއެވެ. އެ ސޫރަތުގެ އެންމެ ފާހަގަ ކޮށްލެވޭ އެއް އާޔަތަކީ ﴿إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ﴾ (سورة الفاتحة ٥) މާނައީ: "އަޅަމެން އަޅުކަންކުރަނީ، އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، އިބަރަސްކަލާނގެ حضرة ންނެވެ."
މި އާޔަތުގެ މާނަޔަށް ވިސްނައި ލަމާތޯއެވެ. "އަޅަމެން އަޅުކަންކުރަނީ، އިބަރަސްކަލާނގެއަށެވެ." އަޅުކަން ކުރަނީ އެނޫން އެހެން ފަރާތަކަށް ނޫންނެވެ. އަދި "އަޅަމެން ވާގިއެދެނީ، އިބަރަސްކަލާނގެ حضرة ންނެވެ." އަދި އަޅަމެން ވާގި ވެސް އެދެނީ ﷲ ނޫން އެހެން ފަރާތަކުން ނޫންކަމެވެ. އަޅުގަނޑުމެން އީމާންވެ ޔަޤީންކޮށް މި އިޤުރާރުވަނީ، ދުނިޔޭގެ ބިމުގައި އެއްވެސް ކަމެއް ﷲގެ ތައުފީޤާ ލައިގެން ނޫނީ މިންވަރު ނުވާނެކަމަށެވެ. އެހެނީ މި އާޔަތުގެ އަޞްލު މާނައިގައި އެ އޮތީ ތިމަންމެން އިޤުރާރު މި ވަނީ، ﷲގެ ތައުފީޤާއި ވާގި ފުޅާ ލައިގެން މެނުނީ އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ.
އެހެންކަމުން މުއުމިނުމީހާ ﷲ އަށް އަޅުކަން ކުރެއެވެ. އަދި އޭނާގެ އަޅުކަން ފުރިހަމަށް އަދާ ކުރެވޭނެ ހުރިހާ މަގެއް ދެއްކެވުމަށް އެދި ﷲގެ ޙަޟްރަތުން ތައުފީޤާއި ވާތްގަށް އެދެއެވެ. އެއީ ހެޔޮ ކަންކަން ކުރުމާއި ނުބައި ކަންކަމުން ރައްކާތެރިވެގެން ހުރުމުގެ ތައުފީޤެވެ. އެގޮތުން ޔޫސުފްގެފާނު ﷲ އަށް ދުޢާ ކުރައްވައި ދެންނެވިއެވެ. ﴿إِلَّا تَصْرِفْ عَنِّي كَيْدَهُنَّ أَصْبُ إِلَيْهِنَّ وَأَكُن مِّنَ الْجَاهِلِينَ ﴿٣٣﴾﴾ (سورة الفاتحة ٥) މާނައީ: "އިބަރަސްކަލާނގެ އެއުރެންގެ މަކަރުވެރިކަން ތިމަން އަޅާގެ ކިބައިން ދުރުނުކުރެއްވިނަމަ، ތިމަންއަޅާ އެއުރެންނަށް ލެނބިގެން ހިނގައިދާނެތެވެ. އަދި جاهل ންގެ ތެރެއިން ތިމަންއަޅާ ވެދާނެތެވެ."
ﷲގެ އެއްކައުވަންތަ ކަމަށް އީމާންވަ އެއްވެސް މުއުމިނަކު އޭނާގެ ޢަމަލުތައް އަމިއްލަ އަށްފެނި ފަޚުރުވެރި ނުވާނެއެވެ. އޭނާ އެކަންކަން ދެކޭނީ ﷲގެ ފަޟުލުވަންތަ ކަމެއްގެ ގޮތުގައެވެ. އޭނައަށް ހެޔޮކަމުގައި ދެމިހުރެވެނީ އަމިއްލަ މޮޅުކަމުންނޭ ހީނުކުރާނެއެވެ. އޭނާ އެކަންކަން ދެކޭނީ ﷲގެ ފަޟުލުވަންތަ ކަމެއްގެ ގޮތުގައެވެ. އޭނާގެ އެއްވެސް ޢަމަލަކަށް ކިބުރު ވެރި ނުވާނެއެވެ. އޭނާ އެކަންކަން ދެކޭނީ ﷲގެ ފަޟުލުވަންތަ ކަމެއްގެ ގޮތުގައެވެ.
އެހެންކަމުން އެއްވެސް ކަމެއް އެ އިލާހުގެ ވާތްގާއި، ތައުފީޤު ނުވާނަމަ ނުވީހެވެ. ﷲގެ ވާގިފުޅާއި ހެޔޮރަހްމަތުން އަޅަކަށް ހެވެއް އިރާދަ ކުރައްވައިފިނަމަ، އެ މީހަކަށް ހެޔޮޢަމަލު ކުރުމުގެ ތައުފީޤު ދެއްވާނެކަމަށް ޙަދީޘް ޞައްޙަ ވެގެން އައިސްފައި ވެއެވެ. އެންމެ ހެޔޮ ޢަމަލަކީ ނަމާދެވެ. ނަމާދު ކުރުމުގެ ތައުފީޤު ލިބިގެންވާނަމަ އެއީ ހާދަ ބޮޑު ހެވެކެވެ. ކޮންމެ ދުވަހަކު ﷲގެ ޙަޟުރަތުން ވާޤި އެދުމަށް ލިބޭ ގިނަގުނަ ފުރުޞަތުތަކެކެވެ. ފަހެ، އެކަން ނުކުރެވޭނަމަ، ދަންނާށެވެ! އޭނާއަށް ހެވެއް ނެތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!