މަސައްކަތްތެރިންނަކީ، އެ ޤައުމެއްގެ ތަރައްޤީގެ ތަޞައްވުރުތައް ޙަޤީޤަތަކަށް ހަދައިދޭ މީހުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.

Ad
rt

މީގެ އިތުރުން މިއަދުގެ ޚިޠާބުގައި ރައީސް ވަނީ ޤައުމުގެ ތަރައްޤީއަށް މަސައްކަތްތެރިން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. ރައީސް ޚިޠާބުގައި އެމަނިކުފާނުވަނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ އެންމެހައި މުވައްޒަފުންނަށާއި މަސައްކަތްތެރީންނަށް، އަދި އެމީހުންގެ ޢާއިލާތަކަށް މަރުޙަބާ އާއި ތަހުނިޔާފޮނުވާފައެވެ. އެގޮތުން ތަމައްދުންގެ ރީތި ކުލަތަކުން މުޖްތަމަޢު ޒީނަތްތެރިވެ، ނަމޫނާ ޙަޟާރަތެއް ބިނާވެގެން ދަނީ، އެމުޖްތަމަޢެއްގެ މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތުގެ ސަބަބުންކަމަށާއި، ޢިލްމީ ވިސްނުންތަކާއި އުފެއްދުންތެރި ފިކުރުތަކަށް، ޢަމަލީ ސިފަ ގެނެސްދޭ ބަޔަކީ ވެސް، އެމުޖްތަމަޢެއްގެ މަސައްކަތްތެރިންކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

މިއަދުގެ ޚިޠާބުގައި އެމަނިކުފާނު ވަނީ މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދީ، ޙައްޤުތައް ލިބިދިނުމަށް، މުޅި މުޖްތަމަޢު އެކުގައި މަސައްކަތްކުރުމަށް ބާރުއަޅުއްވާފައެވެ.

"ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ބިދޭސީން ފުރަމުން އަންނަ ޖާގަތަކަށް، ދިވެހި ޒުވާނުން ނުކުމެ، ދިވެހިންގެ އުފެއްދުންތެރި ވިސްނުމާއެކު، ޤައުމު ތަރައްޤީކުރަން ފަށައިފި ނަމަ، މިހާރަށްވުރެ މާ ފުރިހަމަ ތަރައްޤީއެއް ހޯދޭނެކަން ޔަޤީން، ޤައުމެއްގެ ތަރައްޤީއަށް އެންމެ ބޮޑު ދިރުމެއް އަންނާނީ، އެ ޤައުމެއްގެ އަމިއްލަ ދަރިން، ޤައުމު ބިނާކޮށް އާރާސްތުކުރުމުގެ މަސައްކަތާ ޙަވާލުވެގެން"

ރައީސް ވިދާޅުވި އެވެ.

ރައީސްގެ ޚިޠާބުގައި ކޮވިޑް-19 ގެ މި ނުރައްކާތެރި ހާލަތުގައި ގިނަ ޢަދަދެއްގެ މަސައްކަތްތެރިންނަށް ވަރަށް ނިކަމެތި ގޮތްތައް މެދުވެރިވެގެން ދިޔަކަން ފާހަގަކުރައްވާފައިވެއެވެ. އަދި މި ސަރުކާރުން އެފަދަ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށްދިނުމުގެ ގޮތުން، 16000 އަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވައިދީފައިވާނެކަން ވަނީ ފާހަގަކުރައްވާފައެވެ. އަ

"މަސައްކަތްތެރިންނާ ގުޅިފައިވާ އެކި މައްސަލަތައް ޙައްލުކޮށް، އެމީހުންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް، ވަރަށް ޚާއްޞަ އިސްކަމެއް ދީގެން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން"

ރައީސް ވިދާޅުވިއެވެ.

މިގޮތުން ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ކަނޑައެޅުން ފަދަ ޤާނޫނަށް ގެންނެވި މުހިންމު ބަދަލުތަކުގެ މައްޗަށް މިއަދުގެ ޚިޠާބުގައި ރައީސް ވަނީ އަލިއަޅުވާލައްވާފައެވެ.

ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް މިއަދު ފާހަގަކުރާއިރު، މުޅި ދުނިޔެއަށް ދިމާވީ ކޯވިޑް ބަލިމަޑުކަމުގެ ސަބަބުން އިޤްތިޞާދަށް ހީނަރުކަން އައިސް ރާއްޖޭގައި ވެސް އެތައް މަސައްކަތްތެރިއެއްގެ ވަޒީފާއަށް ވަރަށް ބޮޑަށް އަސަރު ކޮށްފަ އެވެ.

މަސައްކަތްތެރިންގެ ދުވަހާއިއެކު، ސަރުކާރުން މިވަނީ ޤާނޫނުގައި ވާގޮތަށް މިނިމަމް ވޭޖް ނިޒާމު މިއަހަރު ފަހުކޮޅު ކަނޑައެޅިގެންދާނެ ކަމަށެވެ. މީގެ އިތުރުން މަސައްކަތެރިންގެ މަސައްކަތް ކުރާ މާހައުލުގެ ރައްކާތެރިކަމަށް، އިންޑަސްޓްރިއަލް ރިލޭޝަންސް ޤާނޫނާއި އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ޤާނޫނު މިއަހަރު ތެރޭ ފާސްވެ އަންނާނެ ކަންވެސް ސަރުކާރުން ހާމަ ކުރެއެވެ.

މީގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ މަސައްކަތްތެރިކަމުގެ ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވާ، ދިމާވެފައިވާ ސިއްހީ ކާރިސާއިން އަރައިގަނެ ކުރިން އޮތް ހާލަތައް ގައުމު ގެންދިއުމުގައި މަސައްކަތްތެރީން ކުރާ ބުރަ މަސައްކަތުގައި ﷲ ބަރަކާތް ލެއްވުމަށް އެދި ދުޢާ ކުރައްވާ ޓުވީޓެއް ކުރައްވާފަ އެވެ.