މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް 109 މިލިއަން ރުފިޔާ ފައިދާ ވެއްޖެއެވެ.

އެސްޓީއޯ އިން މިއަދު އާންމުކުރި މިއަހަރުގެ ފުރަތަމަ ކުއާޓާ ރިޕޯޓުން ދައްކާ ގޮތުން, ފުރަތަމަ ކުއާޓަރގައި އެ ކުންފުންޏަށް 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއްލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅައިބަލާ އިރު 15 ޕަސެންޓުގެ ކުރިއެރުމެކެވެ. އެ ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވަނީ 1.8 ބިލިއަން ރުފިޔާގެއާމްދަނީއެކެވެ.

Ad
rt

އެސްޓީއޯއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 109 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނު އިރު, މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުންޏަށް ފައިދާގެ ގޮތުގައިލިބިފައިވަނީ 91 މިލިއަން ރުފިޔާއެވެ. މިއީ 18 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.

މީގެ އިތުރުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާއަކީ ކޮވިޑުގެ ސަބަބުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުން ފެށިގެން އެސްޓީއޯއަށް ލިބެމުންދިޔަ ފައިދާދަށަށް ދިއުމަށްފަހު މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

މި ފައިދާ އެސްޓީއޯ އިން ހޯދާފައިވަނީ އެ ކުންފުނީގެ ހަރަދު ކުޑަކޮށްގެންނެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުނިން 258 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު, މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހަރަދު ކޮށްފައިވަނީ 231 މިލިއަން ރުފިޔާއެވެ.