ސްޕެނިޝް ލަލީގާގައި ބުރާސްފަތި ދުވަހުގެ ރޭ އެތުލެޓިކޯ މެޑްރިޑް ކުޅުން މެޗު އެ ޓީމުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލިއިރު ބާސެލޯނާ ކުޅުނު މެޗު އެ ޓީމުން ފަސޭހަކަމާއިއެކު ކާމިޔާބު ކޮށްފިއެވެ.
އެތުލެޓިކޯގެ ދަނޑުގައި ހުއެސްކާއާއި ދެކޮޅަށް ކުޅުނު މި މެޗު އެތުލެޓިކޯއިން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. އެތުލެޓިކޯގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ހުއެސްކާގެ ގޯލާއި އަމާޒުކޮށް ޖުމަލް 12 ހަމަލާއެއް ވަނީ ފޮނުވާލާފައެވެ.
މި މެޗުގައި އެތުލެޓިކޯއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 39 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ކޮއްރެއާއެވެ. އޭނާ މި ލަނޑު ކާމިޔާބު ކޮށްފައިވަނީ މާކޯސް ލޮރެންޓޭގެ އެހީތެރިކަމާއި އެކުގައެވެ. މެޗުގައި އެ ޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ކަރެސްކޯއެވެ. މި ލަނޑު ކަރެސްކޯ ވެސް ކާމިޔާބު ކޮށްފައިވަނީ ލޮރެންޓޭގެ އެހީތެރިކަމާއި އެކުގައެވެ
އެތުލެޓިކޯއަށް ލަލީގާގެ ތަށި އެންމެ ފަހުން ކާމިޔާބު ކުރެވިފައި ވަނީ 2014 ވަނަ އަހަރުއެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު އެތުލެޓިކޯ މިވަގުތު އޮތީ އެ ޓީމު ކުޅުނު 32 މެޗުން ލިބުނު 73 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނާގައެވެ. މި މެޗުން ބަލިވި ހުއެސްކާ މިވަގުތު އޮތީ ރެލިގޭޝަން ޒޯންގައެވެ. އެ ޓީމް ތާވަލުގެ 18 ވަނާގައި އޮތްއިރު އެ ޓީމަށް ލިބިފައިވަނީ 32 މެޗުން 27 ޕޮއިންޓެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބާސެލޯނާއިން ވަނީ ފަސޭހަކަމާއިއެކު ގެޓާފޭގެ މައްޗަށް ކުރި ހޯދާފައެވެ. މި މެޗު ބާސާ ކާމިޔާބު ކޮށްފައިވަނީ 5-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ބާސާގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑު ޖަހައި ލީޑު ނަގާފައެވެ. މެޗުގެ 8 ވަނަ މިނެޓުގައި ބާސާއަށް ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެ ޓީމްގެ ކެޕްޓަން ލައިނަލް މެސީއެވެ. މެސީ މިލަނޑު ޖަހާފައިވަނީ ސާޖިއޯ ބުސްކެޓް ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ. ބާސާއަށް ލީޑުގައި އޮވެވުނީ މަދު ވަގުތު ކޮޅެއްގައެވެ. ބާސާގެ ޑިފެންޑަރ ކްލެމެންޓް ލޯންގލޭއަތުން ބައިކޮޅަށް ވަތްލަނޑާއިއެކު މެޗުގެ ނަތީޖާ ހަމަހަމަ ވެގެން ދިޔައެވެ. ދެވަނަ ފަހަރަށް މެޗުގައި ބާސާއަށް ލީޑު ލިބިފައިވަނީ 28 ވަނަ މިނެޓުގައި ގެޓާފޭގެ ޑިފެންޑަރ ސޯފިއާނޭ ޗަކްލާއަތުން ބައިކޮޅަށް ވަތް ލނަޑުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާއިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު 33 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ މެސީއެވެ. މިއީ މެސީ މި ސީޒަންގައި ލީގުގައި ބާސާއަށް ކާމިޔާބު ކޮށްދިން 25 ވަނަ ލަނޑެވެ.
މެޗުގެ ދެވަނަ ހާފުގެ ބާސާގެ ޑިފެންޑަރ ރޮނާލްޑް އަރައުހޯ ގެޓާފޭގެ ފޯވާޑް އެނަސް އުނަލްއަށް ބާސާގެ އޭރިއާގެ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ގޭޓާފޭއަށް ޕެނަލްޓީއެއް ދީފައެވެ. 69 ވަނަ މިނެޓުގައި ގެޓާފޭއަށް މި ޕެނަލްޓީ ކާމިޔާބު ކޮށްދީ ފަރަގު ކުޑަ ކޮށްދީފައިވަނީ އުނަލްއެވެ. މި ލަނޑާއިއެކު ގެޓާފޭއިން ކުޅުން ރަނގަޅު ކުރިތަން ފެނިގެންދިޔައެވެ. ނަމަވެސް އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވިފައި ނުވެއެވެ. ނަމަވެސް ބާސާއިން ވަނީ މެޗުގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ބާސާގެ ހަތަރުވަނަ ލަނޑު އަރައުހޯ 87 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިންއިރު އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ގްރިޒްމަން ވަނީ މެޗުގެ ނަތީޖާ 5-2 އަށް ބަދަލު ކޮށްލާފައެވެ.
މި މޮޅާއިއެކު ބާސާ މިވަގުތު އޮތީ ވާދަވެރި ރެއާލް މެޑްރިޑާ އަދި އެތުލެޓިކޯ މެޑްރިޑަށް ވުރެ އެއްމެޗު މަދުން ކުޅެ ތާވަލުގެ ތިންވަނާގައެވެ. ބާސާއަށް 31 މެޗުން 68 ޕޮއިންޓް ވަނީ ލިބިފައެވެ. ރެއާލް ދެވަނާގައި އޮތީ 32 މެޗުން ލިބުނު 70 ޕޮއިންޓާއި އެކުގައެވެ. މި މެޗުން ބަލިވި ގެޓާފޭ އޮތީ ތާވަލުގެ 15 ވަނާގައެވެ. އެ ޓީމަށް ލިބިފައިވަނީ 32 މެޗުން 31 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!