އިންޑިއާގައި ކޮވިޑް-19ގެ ކޭސްތައް މަދުވަމުން އައިސް ކުއްލިއަކަށް އިތުރުވުމާ ގުޅިގެން އެ ގައުމުގައި އޮކްސިޖަން ހުސްވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.

ކޮވިޑްގެ ދެވަނަ ރާޅު އެ ގައުމުގައި ފެށީ މިދިޔަ މާރިޗު މަހުން ފެށިގެންނެވެ. އެއާއެކު މިހާތަނަށް އެ ގައުމުން ވަނީ 16 މިލިއަނެއްހާ މީހުން ބައްޔަށް ޕޮޒިޓިވްވެފަ އެވެ. މިއީ މިހާތަނަށް ދުނިޔޭގެ ގައުމުތަކުގެ ތެރެއިން މިހާ ގިނަ ކޭސްތައް ފެނުނު ދެވަނަ ގައުމެވެ.

Ad
rt

ދެވަނަ ރާޅާއެކު ހާލު ބޮޑުވެ އެޑްމިޓް ކުރާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. މީގެ ސަބަބުން ހޮސްޕިޓަލުތަކުގައި ހުރި އޮކްސިޖަން މަދުވެ ގިނަ ބައެއްގެ ފުރާނަ ވެސް ވަނީ ގެއްލިފައެވެ. އެ ގައުމުގެ ހޮސްޕިޓަލުތަކުގައި މިހާރު އެނދެއްގައި ދެ މީހުން ވަނީ އެޑްމިޓް ކުރަން ފަށައިފައެވެ.

އެ ގައުމުގައި އޮކްސިޖަން މަދުވެފައިވާ ސްޓޭޓްތަކުގެ ތެރޭގައި ދިއްލީ އާއި އުއްތަރު ޕްރަދޭޝާއި މަހަރާޝްތުރާ އާއި ގުޖުރާތު އަދި މަދިޔަ ޕްރަދޭޝް ހިމެނެއެވެ. އޮކްސިޖަން މަދުވެފައިވަނީ އެ ގައުމުގެ ސަރުކާރުގެ އިހުމާލުން ކަމަށް އެ ގައުމުގެ އޮޕޮޒިޝަނުން ތުހުމަތު ކުރެއެވެ.

އިންޑިއާގެ ނޫހެއްގައި ބުނެފައިވާގޮތުގައި މިދިޔަ އޮކްޓޯބަރު މަހު އެ ގައުމުގެ ސްޓޭޓް ހޮސްޕިޓަލުތަކުގައި އޮކްސިޖަން ޕްލާންޓުތައް ގާއިމް ކުރުމަށް ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. ނަމަވެސް މި ޓެންޑާތައް ހަވާލު ކުރެވުނު ބައެއް ފަރާތްތަކުން އަދިވެސް މަސައްކަތް ނުނިންމާ ކަމަށް އެ ނޫހުގައިވަނީ ބުނެފައެވެ. އަދި ބައެއް ހޮސްޕިޓަލްތަކުން މި ޕްލާންޓުތައް ހެދުމަށް ބޭނުންވާ ބިން ދިނުމަށް ދެކޮޅު ހަދާކަމަށް ވެސް އެ ނޫހުގައި ވަނީ ފާހަގަ ކޮށްފައެވެ.

އެ ގައުމުގެ ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި ރައްޔިތުން ރައްކާތެރިކުރުމަށް ސަރުކާރު ވަނީ ނާކާމިޔާބުވެފައެވެ. އެއީ ކޮވިޑް ފެތުރުން މަދުވުމުން ދިން ލުއިތަކާއެކު ދެވަނަ ރާޅެއް އައިސްދާނެ ކަމަށް ތައްޔާރުނުވުން ކަމަށް އެ ގައުމުގެ އޮޕޮޒިޝަނުން ބުނެއެވެ. އެ ގައުމުގެ ސަރުކާރަށް ދެވަނަ ރާޅަށް ތައްޔާރު ވުމަށް ގާތްގަނޑަކަށް ހަ މަސްދުވަހަށްވުރެ ގިނަ ދުވަސް ލިބުނެވެ.

އިންޑިއާގެ ވެރިރަށް ދިއްލީގެ ހޮސްޕިޓަލުތަކުން އޮކްސިޖަން އެއްކޮށް ހުސްވެދާނެ ކަމުގެ ބިރު އޮތުމުން އެ ސްޓޭޓުގެ ކޯޓުން ވަނީ ކެމިކަލް އިންޑަސްޓްރީތަކުން ހޮސްޕިޓަލްތަކަށް އޮކްސިޖަން ބޭނުންވާ ވަރަށް ފޯރުކޮށްދޭން އަމުރު ކޮށްފައެވެ.