ތެރަޕިއުޓިކް ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރާ ހަތަރު ދަރިވަރުން އެމްޑަބްލިއުއެސްސީން ސްޕޮންސާ ކޮށްފިއެވެ.

މިއީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމްގެ ދަށުން، ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތަށް އެހީވުމުގެ ގޮތުންސްޕޮންސާ ކުރި ދަރިވަރުންތަކެކެވެ. މި ދަރިވަރުންނަކީ މި ދާއިރާއިން ބެޗްލަރސް ޑިގްރީ ލެވެލްގެ ކޯސް ފުރިހަމަކުރާ ދަރިވަރުންނެވެ.

Ad
rt

މިސްޕޮންސަރޝިޕާ ގުޅިގެން، ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް އިފްތިތާހު ކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ފަރާތުންމިއަދު ވަނީ ޚާއްސަ ވާރޗުއަލް ހަފްލާއެއް ބާއްވާފައެވެ. މިޙަފްލާގައި، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރާއްޖޭގައި ތެރަޕީ ހިދުމަތްތަކަކީ ރާއްޖޭގައި ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ޚިދުމަތްތަކެކެވެ. ނަމަވެސް، މިދާއިރާއިން ހާއްސަވެގެން ތަމްރީން ލިބިފައިވާ މީހުންމަދުކާމައި އެކު މި ހިދުމަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ދަތިވެފައިވާތީ ތެރަޕީގެ އެކި އެކި ދާއިރާތަކުން މީހުން ބިނާކުރުމަށްވަރަށް ބޮޑަށް ބޭނުންވެފައިވާކަން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ވަނީ ފާހަގަކުރައްވާފައެވެ.

އެމްޑަބްލިއުއެސްސީ ގެ ފަރާތުން ސްޕޮންސަރ ކުރާ ހަތަރު ދަރިވަރުން ތަމްރީން ކުރާނީ، އޯޑިއޮލޮޖީ އާއި އޯޑިއޮލޮޖީ އެންޑް ސްޕީޗް ލެންގުއެޖް ޕެތަލޮޖީ އާއިއޮކިއުޕޭޝަނަލް ތެރަޕީ އަދި ބިހޭވިއަރަލް ތެރަޕީ އިންނެވެ. ހަތަރު އަހަރު ދުވަހުގެ މިކޯސްތައް ފުރިހަމަކުރުމަށް، 2.3 މިލިއަން ދިވެހި ރުފިޔާ ހަރަދުކުރާނެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ މުޖުތަމައަށް ނުހަނު ބޮޑަށް ބޭނުންޖެހިފައިވާ ރޮނގަކުން ދިވެހިން އުނގެނުމަށް މިފަދަ ފުރުސަތެއް، އިޖްތިމާއީ ޒިންމާގެ ދަށުން ފަހިކޮށްދެވުމަކީ އެ ކުންފުންޏަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލާކާއި ޝަރަފެއް ކަމަށެވެ. އަދި މިއީ މުޖްތަމައަޡް އޭގެ މަންފާއާއި ލާބަ ނުހަނު ބޮޑަށް ލިބިގެންދާނެކަމެއްކަމުގައިވެސް އެ ކުންފުނިން ބުންޏެވެ