ބްރަޒިލުން ކޯވިޑް-19 ފެނުނު ފަހުން ފުރަތަމަ ފަހަރަށް އެ ބަލި ޖެހިގެން އެއް ދުވަހުގެ ތެރޭގައި 4000 އަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

އެ ގައުމުގެ ހެލްތު މިނިސްޓްރީން އާއްމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި އިއްޔެ އެ ގައުމުން ކޯވިޑް ޖެހިގެން 4،195 މީހުން މަރުވިއެވެ. މިއާއެކު އެ ގައުމުގައި މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 366،000 އަށް އަރައިފައެވެ.

Ad
rt

ބްރަޒިލްގައި ކޯވިޑް މަރުތައް ގިނަވިނަމަވެސް އެ ގައުމުގެ ސަރުކާރުން ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ބޭނުން ނުވެއެވެ. އެހެންކަމުން އެކި ގައުމުތަކުގެ ފާޑުކިޔުންތައް އެ ގައުމުގެ ރައީސް ޖެއިރް ބޮލްސޮނޯރޯއަށް ވަނީ އަމާޒުވެފައެވެ.

އެ ގައުމުގެ ޑޮކްޓަރުން ބޭރުގެ މީޑިއާތަކަށް ބުނެފައިވާގޮތުގައި މިހާރު ގިނައީ ވައިރަސްގެ ސަބަބުން ހާލު ދެރަވާ ޒުވާނުންނެވެ. އެހެންކަމުން މިހާރުވެސް މުޅި ގައުމުގެ ހުރިހާ ހޮސްޕިޓަލެއް ހެން ފުރިފައިވާ ކަަމަށް އެ ފަރާތްތަކުން ބުނެއެވެ.

ސިއްހީ ހިދުމަތްތެރިން ބުނާގޮތުގައި އެ ގައުމަށް ދެން އޮތީ އެންމެ ގޮތެކެވެ. އެއީ 20 ދުވަސް ވަންދެން ގައުމު އެއްކޮށް ލޮކްޑައުން ކުރުމެވެ. ނަމަވެސް އެ ގައުމުގެ ސަރުކާރުން ގަބޫލު ކުރާގޮތުގައި ވައިރަސްއަށްވުރެ ނުރައްކާތެރި ކަމަކީ އެ ގައުމަށް އިގްތިސާދީގޮތުން ވާނެ ގެއްލުމެވެ.

ބްރަޒިލްގައި މިހާރު ވަނީ ކޯވިޑް ވެކްސިން ދޭން ފަށައިފައެވެ. ނަމަވެސް މިހާތަނަށް ވެކްސިން ދެވިފައިވަނީ އާބާދީގެ 10 އިންސައްތައަށް ވުރެ މަދު މީހުންނަށެވެ.