މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސުޕްރިންޓެންޑެންޓް މަގާމަށް ފުރަތަމަ ފަހަރަށް 3 އަންހެން ފުލުހަކު އައްޔަންކޮށްފިއެވެ.
ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކަށް މަގާމުގެ ކުރިއެރުން ލިބިފައިވަނީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަގާމުގައި ތިއްބެވި 3 އޮފިސަރުން ކަމުގައިވާ ފާތިމަތު ނަޝްވާ އާއި މަރިޔަމް އަޒްމާ އަދި އިޒްމިއާ ޒާހިރުއެވެ.
މީގެތެރެއިން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ ކުރިން ހުންނެވީ އަޕަރ ނޯތު ޕޮލިސް ޑިވިޝަން ގެ ކޮމާންޑަރުގެ މަޤާމުގައެވެ. އޭނާ ވަނީ ފުލުހުންގެ ޚިދުމަތުގައި 25 އަހަރު ހޭދަކޮށްފައެވެ. އެ މުއްދަތުގައި އެޑްމިން އޮފިސަރ، ޔުނިޓް ލެވެލްގައާއި ޑެޕިއުޓީ ހެޑް އަދި ހެޑް އޮފް ޑިޕާރޓްމަންޓްގެ މަޤާމު ވެސް ފުރުއްވާފައިވެއެވެ.
ނަޝްވާ ޑިގްރީ ހާޞިލުކުރައްވާފައިވަނީ މާސް ކޮމިއުނޭކޭޝަންއިންނެވެ. އަދި މާސްޓަރސް ޑިގްރީ ފުރިހަމަކޮށްފައިވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން އިންނެވެ. ނަޝްވާ އަށް ވަނީ 2018 ވަނަ އަހަރު ރެހެންދި އެވޯރޑްސް ލިބިފައިވެއެވެ. އަދި ސައުތު އޭޝިއަން ޕާޓްނަރޝިޕް ސަމިޓް އެންޑް ބިޒްނަސްގެ ފަރާތުން ޕަބްލިކް ސެކްޓަރ އިން ހޮވި ސީއެސްއާރު ލީޑަރޝިޕް އެވޯރޑްވެސް ހާޞިލުކޮށްފައިވެއެވެ. މީގެ އިތުރުން 2018 ވަނަ އަހަރު ވިމެން އޮން ބޯރޑް އެވަރޑްވެސް ލިބިލައްވާފައިވެއެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މަގާމަށް އައްޔަންކުރެވުނު އިޒްމިއާ ޒާހިރު ހުންނެވީ ހެޑް އޮފް އޯގަނައިޒޭޝަނަލް ރީފޯރމް ޑިޕާރޓްމަންޓްގެ މަގާމުގައެވެ. އޭނާ ވަނީ ފުލުހުންެ ހިދުމަތުގައި 16 އަހަރު ހޭދަކުރައްވާފައެވެ. މި މުއްދަތުގައި ޕޮލިސް ސަރވިސްގެ ސްޕޯކްސް ޕާސަންގެ މަޤާމާއި ވިކްޓިމް ސަޕޯޓްގެ ހެޑްގެ މަޤާމުވެސް ފުރުއްވާފައިވެއެވެ.
އަޒްމިއާ އަކީ ފުލުހުންގެ ހިދުމަތުގައި އަންހެނުންގެ ދައުރު ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ފަރާތެކެވެ. އޭނާ ވަނީ މާސްޓަރސް ލެވެލްއަށް ތަޢުލީމު ހާޞިލުކުރައްވާފައިވުމުގެ އިތުރުން ސިންގަޕޯރ ޕޮލިސްއިން ހިންގާ ސީނިއަރ އޮފިސަރސް ބޭސިކް ކޯސް ފުރިހަމަ ކޮށްފައެވެ.
ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މަގާމަށް ދެން އައްޔަން ކުރެވުނީ މަރިޔަމް އަޒުމާއެވެ. އޭނާއަކީ ފުލުހުންގެ ޚިދުމަތުގައި އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ އެއް އަންހެން އޮފިސަރެވެ. އެގޮތުން 25 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތްކޮށްފައިވެއެވެ.

މީގެކުރިން އަޒުމާ ހުންނެވީ ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ޑިވިޜަން ކޮމާންޑަރުގެ މަގާމުގައެވެ. އޭނާ ވަނީ އިންވެސްޓިގޭޓިވް ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައެވެ. އަޒުމާއަކީ ފުލުހުންގެ ފުރަތަމަ އަންހެން ޑްރައިވަރުގެ އިތުރުން ފުރަތަމަ އަންހެން އެޓޯލް ކޮމާންޑަރުއެވެ. އަދި، ހެޑް އޮފް ވިކްޓިމް ސަޕޯރޓްގެ މަޤާމާއި ފެމެލީ އެންޑް ޖެންޑަރ އެފެއަރޒް ޑިޕާރޓްމަންޓްގެ ހެޑްކަންވެސް ކުރައްވާފައިވެއެވެ.
ފުލުހުންގެ ހިދުމަތަށް 88 އަހަރު މިއަހަރު ފުރިފައިވާއިރު، ފުލުހުންގެ ހިދުމަތުގައި އަންހެނުން މަސައްކަތް ކުރާތާ މިހާރު 33 އަހަރު ވަނީ ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!