ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް، މިފެށޭ އޭޕްރިލް މަހުގެ 3 ވަނަ ދުވަހުން ފެށިގެން ދޭން ފަށާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރާއްޖެގައި ކޯވިޑް-19އިން ރައްކާތެރިވުމަށް ޤައުމީ ކެމްޕޭން ''ކޯވިޑް-19 ދިފާޢު'' ފަށާފައި ވަނީ މިއަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެގައި ދޭން ފަށާފައި ވަނީ އިންޑިއާއިން ހަދިޔާކުރި، ކޮވިޝީލްޑް ވެކްސިންއެވެ.

Ad
rt

މި ވެކްސިންގެ 2 ވަނަ ޑޯޒް ޖަހަން ރާއްޖޭގައި ނިންމާފައި ވަނީ ފުރަތަމަ ޑޯޒް ޖަހާތާ 56 ދުވަސް ފަހުންނެވެ.

އިންޑިއާއިން ރާއްޖެއަށް އެ ޤައުމުގައި އުފެއްދި ކޮވިޝީލްޑް ވެކްސިންގެ 2 ލައްކަ ޑޯޒް ހަދިޔާކުރިއެވެ. މީގެ އިތުރުން ރާއްޖެއިން ވަނީ އިންޑިއާއިން އެ ވެކްސިންގެ 2 ލައްކަ ޑޯޒް ގަތުމަށް ނިންމައި، ގަތް 1 ލައްކަ ޑޯޒް ރާއްޖެ ގެނެސްފައެވެ.

ޗައިނާއިން ވެސް ވަނީ އެ ގައުމުގެ ސިނޮފާމް ވެކްސިންގެ 2 ލައްކަ ޑޯޒް ރާއްޖެ ހަދިޔާކޮށްފައެވެ. މިހާރު ރާއްޖެގައި ދަނީ މި ވެކްސިންގެ ފުރަތަމަ ޑޯޒް ދެމުންނެވެ. މި ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ނިންމާފައި ވަނީ ފުރަތަމަ ޑޯޒް ޖަހާތާ 30 ދުވަސް ފަހުންނެވެ.

އިއްޔެގެ ނިޔަލަށް ރާއްޖެގައި ވަނީ 235،682 މީހަކަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފަ އެވެ.