ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)އިން އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ އޮފިސަރުންނާއިއެކު މަޝްވަރާ ބައްދަލު ވުމެއް ބާއްވައިފިއެވެ.

އެ ބައްދަލުވުމާއި ގުޅޭގޮތުން އެ ޖަމިއްޔާއިން ބުނީ، އެ ބައްދަލުވުމުގައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ޙިމާޔަތް ކުރުމާއި، ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުން ކުރިޔަނުދިނުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

Ad
rt

މިބައްދަލުވުމުގައި ކޯސްޓްގާޑުގެ ފަރާތުން، ދިވެހި މަސްވެރިން މަސްވެރިކަން ކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެންނަ ބޭރުގެ މަސްބޯޓު ފެނުމުން އަމަލު ކުރަންވީ ގޮތުގެ މައުލޫމާތު ހިއްސާކުރެއްވި ކަމަށް ވެސް އެޖަމިއްޔާއިން ބުނެއެވެ.

މީގެ އިތުރުން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއާއި ކޯސްޓް ގާޑާއި ގުޅިގެން މަސްވެރިންނަށް މުހިއްމު މައުލޫމާތު ހިއްސާކުރުމާއި ޓްރެއިނިން ޕްރޮގްރާމްތައް ހިންގުމައްވެސް މަޝްވަރާކުރެވުނު ކަމަށް އެޖަމިއްޔާއިން ބުނެއެވެ.

"އެމްއެންޑީއެފްގެ ފުރިހަމަ އެއްބާރުލެއްވުން އަބަދުވެސް މަސްވެރިންނާއި ބީކޭއެމްޔޫއަށް ލިބިގެންދާނެކަމުގެ ޔަގީންކަން ދެއްވި" އެޖަމިއްޔާއިން ބުނެފަ ވެއެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) ގެ ނަމުގައި ބޮޑުކަންނެލި މަސްވެރިންގެ ހައްޤުގައި ވަކާލާތުކޮށް އަޑު އުފުލުމަށް ޖަމިއްޔާއެއް ރަޖިސްޓްރީކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ.

އެޖަމިއްޔާ އިފްތިތާހްކޮށް ރަސްމީކޮށް ހަރަކާތްތެރިވާން ފެށީ ވެސް މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަސް، ޑިސެމްބަރު 10 ވަނަ ދުވަހު އެވެ.

ބީކޭއެމްޔޫ އުފެއްދުމާއިއެކު، އެ ޖަމިއްޔާއިން އަންނަނީ ބޮޑު ކަންނެލި މަސްވެރިންގެ ހައްގުގައި ގިނަ އަޑުއުފުލައި، މަސައްކަތްތަކެއް ކުރަމުންނެވެ.