ކޯވިޑް-19އިން ދިފާއުވުމަށް ރާއްޖޭގައި އިތުރު 2 ވެކްސިނަށް ދިނުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ދީފި އެވެ.

މިގޮތުން އެފްޑީއޭއިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައި ވަނީ، އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފައްދާފައިވާ ފައިޒާ ވެކްސިނާއި، ޗައިނާ ސަރުކާރުގެ ހިއްސާ އޮންނަ ޗައިނާގެ ނޭޝަނަލް ފާމަސޫޓިކަލް ގްރޫޕް (ސިނޯފާމް) އިން އުފައްދާފައިވާ ވެކްސިންއަށެވެ.

Ad
rt

މި ދެ ވެކްސިނަށް ހުއްދަ ދިންކަން ހާމަކޮށްފައިވަނީ ހެލްތު އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެފްޑީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އައިޝަތު މުޙައްމަދު އެވެ. އޭނާ ވިދާޅުވީ، ފައިޒާ ވެކްސިނާއި ސައިނޮފާމް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމަށް އެމަޖެންސީ ޔޫސް އެޕްރޫވަލް 14 މާޗްގައި އެފްޑީއޭއިން ދީފައިވާކަމަށެވެ.

ކޯވިޑް-19އިން ދިފާއުވުމަށް ރާއްޖޭގައި ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުފެށި ގައުމީ ކެމްޕެއިން ''ކޯވިޑް-19 ދިފާއު''ގެ ދަށުން މިހާތަނަށް ޖަހަމުން ދަނީ އިންޑިއާއިން ރާއްޖެ ހަދިޔާކުރި، އޮކްސްފޯޑް ޔުނިވަރސިޓީ އާއި އެސްޓްރާޒެނެކާ (AstraZeneca) ގުޅިގެން އުފައްދާފައިވާ ވެކްސިންގެ ފޯމިއުލާއާ އެއްގޮތަށް އީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ތައްޔާރުކޮށްފައިވާ ކޮވިޑްޝީލްޑް ވެކްސިނެވެ.

ކޮވިޝީލްޑް ވެކްސިންގެ 200،000 ޑޯޒް އިންޑިއާ ސަރުކާރުން ރާއްޖެ އަށް ހަދިޔާކޮށްފައިވާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެ އަށް ލިބުނު ކޮވިޝީލްޑް ވެކްސިންގެ 1200 ޑޯޒް އެވެ. އަދި ދިވެހި ސަރުކާރުން ދަނީ ކޮވިޝީލްޑްގެ3 ލައްކަ ޑޯޒް އިންޑިއާއިން ގަތުމުގެ މަސައްކަތް ކުރަމުންނެވެ.

ޗައިނާ ސަރުކާރުގެ ހިއްސާ އޮންނަ ޗައިނާގެ ނޭޝަނަލް ފާމަސޫޓިކަލް ގްރޫޕް (ސިނޯފާމް) އިން އުފެއްދި ވެކްސިންގެ 2 ލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވާއިރު، އަމިއްލަ ފަރާތަކުން ރާއްޖެއަށް ހަދިޔާކުރި ޗައިނާގެ ކުންފުންޏަކުން އުފެއްދި ކޯވިޑް-19 އިގެ 5،000 ޑޯޒް ވެކްސިން މިހާރުވެސް ރާއްޖޭގައި އެބަހުއްޓެވެ.

މީގެއިތުރުން ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ގެންނަ ވެކްސިން މި މަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ކުރިން ވިދާޅުވެފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ހާމަކުރަށްވާފައި ވާގޮތުގައި އިއްޔެ އެކަނި ވެސް ރާއްޖޭގައި 7،908 މީހުން ވަނީ ވެކްސިން ޖަހާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގްރޭޓާ މާލޭ އޭރިއާއިން ވެކްސިން ޖެހި 4،941 މީހުންނާއި، އަތޮޅުތަކުން ވެކްސިން ޖެހި 2،967 މީހުންނެވެ.

މިގޮތުން އިއްޔެގެ ނިޔަަލަށް ރާއްޖޭގައި ކޯވިޑް ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު 206،114 އަށް ވަނީ އަރާފަ އެވެ.