އިޓާލިއަން ސީރިއާ އޭގައި ކަލިއާރީއާއި ޔުވެންޓަސް ބައްދަލުކުރި މެޗުގައި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯހެދި ހެޓްރިކާއިއެކު، ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ ރަސްމީ މެޗުތަކުގައި ޖަހާފައިވާ ލަނޑުގެ ރެކޯޑް ރޮނާލްޑޯ މުގުރާލައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ކަލިއާރީގެ ދަނޑުގައި ކުޅުނު މި މެޗު ޔުވެންޓަސްއިން ކާމިޔާބު ކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

Ad
rt

ރަސްމީ މެޗުތަކުގައި ޕެލޭ ޖަހާފައިވާ ލަނޑުގެ އަދަދަކީ 767 ލަނޑެވެ. ކަލިއާރީކޮޅަށް މެޗުގެ ފުރަތަމަ ހާފުގައި ރޮނާލްޑޯހެދި ހެޓްރިކާއިއެކު، ރޮނާލްޑޯ ރަސްމީ މެޗުތަކުގައި ޖެހި ލަނޑުގެ އަދަދު ވަނީ 770 އަށް އަރާފައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރަސްމީ މެޗުތަކުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތީ އޮސްޓްރިއާ އާއި ޗެކޮސްލޮވާކިއާގެ ކުރީގެ ފޯވާޑް ޖޯސެފް ބިކާން އަތުގައެވެ. އޭނާ ވަނީ ރަސްމީ މެޗުތަކުގައި 821 ލަނޑު ޖަހާފައެވެ. ފުޓްބޯޅައިގެ ތަފާސް ހިސާބުތައް ބަލަހައްޓާ އެއް އޭޖެންސީ ކަމަށްވާ ރެކް.ސްޕޯޓް.ސޮކަރ ސްޓެޓިސްޓިކްސް ފައުންޑޭޝަން (އާރުއެސްއެސްއެފް) އިން ހާމަކޮށްފައިވާ ގޮތުގައި ބައިކަން ޖަހައިފައިވާ ގޯލުގެ ޖުމްލަ އަދަދަކީ 805 އެވެ.

ޕެލޭގެ ރެކޯޑް މުގުރާލުމާއި ގުޅިގެން ޕެލޭވަނީ ރޮނާލްޑޯއަށް މަރުހަބާ ކިޔާފައެވެ. އަދި ޕެލޭވަނީ ރޮނާލްޑޯއަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ. ޕެލޭ ބުނެފައިވަނީ ހަޔާތަކީ ކޮންމެ މީހަކުވެސް އެކަނި ކުރާ ދަތުރެއް ކަމަށެވެ. މިގޮތުން ރޮނާލްޑޯ ގެ ހަޔާތުގެ ދަތުރަކީ ވަރަށް ފުރިހަމަ ވަރަށް ކާމިޔާބު ދަތުރެއް ކަމަށެވެ. ރޮނާލްޑޯގެ ކުޅުން އަބަދުވެސް ބަލާހިތްވާ ކަމަށާއި މިއީ ސިއްރެއް ނޫން ކަމުގައި ޕެލޭވަނީ ބުނެފައެވެ.

މި މެޗުގައި ރޮނާލްޑޯ ހެޓްރިކް ހަދާފައިވަނީ ފުރަތަމަ ހާފުގެ 32 މިނެޓުގެ ތެރޭގައެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔުވެންޓަސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގެ 10 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ރޮނާލްޑޯ ކާމިޔާބު ކޮށްފައިވަނީ ކުއަޑާޑޮ ނެގި ކޯނަރު ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން 25 ވަނަ މިނެޓިގައި ކާމިޔާބުކޮށްފައިވާއިރު، ރޮނާލްޑޯ ހެޓްރިކް ފުރިހަމަ ކޮށްފައިވަނީ މެޗުގެ 32 ވަނަ މިނެޓުގައި އެ ޓީމްގެ ކިއޭސާ ތަނަވަސްކޮށްދިން ފުރުޞަތެއްގެ ބޭނުން ހިފައިގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ކަލިއާރީން ވަނީ ކުޅުން ރަނގަޅުކޮށް ޔުވެންޓަސްގެ ގޯލަށް ބާރު ބޮޑު ކޮށްފައެވެ. އެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 61 ވަނ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ޖިއޮވާނީ ސިމިއޯނީއެވެ.

މި މެޗުން ޔުވެންޓަސް މޮޅުވުމާއިއެކު އެ ޓީމްވަނީ ދެ ވަނާގައި އޮތް މިލާނާ އެއްޕޮއިންޓް ކައިރިއަށް ޖެހިލާފައެވެ. ޔުވެންޓަސް މިވަގުތު އެ ޓީމް ކުޅުނު 26 މެޗުން 55 ޕޮއިންޓް ލިބިގެން ޕޮއިންޓް ތާވަލުގެ ތިން ވަނާގައި އޮތްއިރު މިލާން ދެވަނާގައި އޮތީ 27 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ. މެޗުން ބަލިވި ކަލިއާރީ އޮތީ 17 ވަނާގައެވެ. އެ ޓީމަށް 27 މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ.