ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަޅާ ފިޔަވަޅުތަކުގެ ދަށުން މާލެ ސަރަހައްދުގައި ހިންގާފައިވާ ކާފިއުގެ މުއްދަތަށް އިތުރު ހަފްތާއެއް އިތުރުކޮށްފި އެވެ.

އެކަން ބަޔާންކޮށް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ރޭ އާންމުކުރި އެންގުމުގައި ބުނީ، ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލުކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބޭ ބާރުގެ ދަށުންް މާލެެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް، މިއަދުންފެށިގެން އިތުރު 7 ދުވަހުގެ މުއްދަތަކަށް އިތުރު ކުރަން ނިންމައި، އެކަން އަންގާ ކަމަށެވެ.

Ad
rt

މާލެ ސަރަހައްދުގެ ކާފިއުގެ ހާލަތު އިތުރަށް ދެމެހެއްޓިއިރު، ކޯވިޑްގެ އިތުރު ރާޅަކުން މައްޗަށް އެރި ނަމްބަރު އަދި ވެސް ހުރީ ނުވެއްޓި ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ ޢަދަދު ސަތޭކައިން މަތީގައެވެ.

މިގޮތުން އިއްޔެ ވެސް ވަނީ ރާއްޖެއިން އިތުރު 110 މީހުން ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 84 މީހުންނާއި މީހުން ދިރިއުޅޭ ރަށްތަކުން ޕޮޒިޓިވްވި 2 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 24 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 21،144އަށް އިތުރުވެފައެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިގެން ނިޔާވެފައިވަނީ 64 މީހުންނެވެ. އެއީ 56 ދިވެހިންނާއި 8 ބިދޭސީންނެވެ.