ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދާއަޅައިގެން މަސްވެރިކަން ކުރާ، ރާއްޖެއިން ބޭރުގެ ބޯޓު ފަހަރުތައް މިދުވަސްވަރު އިންތިހާއަށް ގިނައިން ފެންނަމުންދާތީވެ، މިކަމަށް ވަގުތުން ފިޔަވަޅުއަޅައި ރާއްޖޭގެ އިޤްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް އިތުރަށް ސަމާލުކަން ދިނުމަށް ސަރުކާރަށް ގޮވާލައި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބައިލައިނުގަނެ ބޭރުކޮށްލުމުން އެކަމާ ހިތާމަކުރާ ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީ.ކޭ.އެމް.ޔޫ)އިން ބުނެފިއެވެ.
އެ ޖަމިއްޔާއިން ބުނީ ދިވެހިރާއްޖެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ ދާއަޅާ ބޯޓުފަހަރު ގިނަވުމުންދާތީ އަޙްމަދު ތޯރިޤް މަޖްލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަކީ ވަރަށް ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި މިމައްސަލައަކީ ހަޤީގަތުގާވެސް މަސްވެރިންނަށް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ޓޮމް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން މި ދުވަސްވަރު ދާއަޅައިގެން މަސްވެރިކަންކުރާ ރާއްޖޭއިން ބޭރުގެ ބޯޓްފަހަރު ގިނަ އަދަދަކަށް ފެންނަމުންދާކަމުގެ މަޢުލޫމާތު މަސްވެރިން ދެމުންދާތީއާއި، އުތުރުގެ އަތޮޅުތަކާއި ދިމާއިން ފެންނަ ބޯޓްފަހަރު އިތުރުވެ، މަސްވެރިކަމަށް އިންތިހާއަށް އަސަރުކުރަމުން ދިޔުމާއި، ދާއަޅައިގެން ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރުމަކީ ޤާނޫނާއި ޚިލާފުކަމަކަށްވާއިރު، ރާއްޖެއިން ބޭރުގެ މިފަދަ ބޯޓްތަކާއިމެދު އިތުރަށް ފަރުވާތެރިވެ، ރާއްޖޭގެ އިޤްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް އިތުރަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސަރުކާރަށް ގޮވައިލާ ކަމަށެވެ.
ދިވެހިރާއްޖެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ ދާއަޅާ ބޯޓުފަހަރު ގިނަވުމުންދާތީ އަޙްމަދު ތޯރިޤް މަޖްލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަކީ ވަރަށް ހިތާމަކުރާ ކަމެއް. މިމައްސަލައަކީ ހަޤީގަތުގާވެސް މަސްވެރިންނަށް ވަރަށް ބޮޑު ކަންބޮޑުވުމެއް. @ibusolih @MohamedNasheed pic.twitter.com/usrclSIxh5
— Bodu Kanneli Masveringe union- BKMU (@FishermensUnion) March 9, 2021
އެ މައްސަލާގައި އިތުރަށް ބުނެފައި ވަނީ، 24 ފެބްރުއަރީ 2021 ވަނަ ދުވަހު ނ. އަތޮޅުން 30 މޭލު ބޭރުން، ކަންނެލި މަސްވެރިކަން ކުރާ 2 ދޯންޏަކުން ރިޕޯޓްކޮށް އަދި ދިވެހި ސިފައިން އަންނަންދެން އެބޯޓަށް ފާރަވެރިވެ، އެންމެ ފަހުން ދިވެހިރާއްޖޭގެ ކޯސްޓްގާޑުން ހިފަހައްޓާފައިވާ ދިވެހިރާއްޖޭގެ ސަރަހައްދުގައި ދާއެޅުމުގެ މަސްވެރިކަން ކުރަމުންދިޔަ ބޯޓާއިމެދު އެއްވެސް ފިޔަވަޅެއް އެޅުމެއްނެތި ދޫކޮށްލުމަށް ސަރުކާރު ނިންމާފައިވާކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.
އަދި އެ ބޯޓުގައި ތިބި މީހުންނަށް ދައުވާ ނުކުރުމަށް ޕީޖީ ނިންމާފައިވާކަމަށް ފުލުހުންނާއި ހަވާލާދީ މީޑިޔާގައި ރިޕޯޓް ކޮށްފައިވާ ކަމަށާއި، ދިވެހި މަސްވެރިން އެތައް ވަގުތަކާއި، މަސައްކަތުން މިފަދަ ބޯޓުފަހަރު ހިފަހައްޓައި ރިޕޯޓްކުރަމުންދާއިރު، ރާއްޖޭގެ ސަރަހައްދުން އަތުލައިގަންނަ ދާއަޅާ މަސްބޯޓްތަކަށް އެއްވެސް ފިޔަވަޅެއް ނާޅައި، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ދާއެޅުމުގެ މަސައްކަތްކުރި މީހުންނާއިމެދު ދަޢުވާ ކުރުމެއްނެތި ދޫކޮއްލުމަކީ އެފަދަ ބޯޓްތަކާއި މީހުންނަށް ލިބޭ އިތުރު ފުރުސަތަކަށްވެ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ނުހަނު ގެއްލުން ލިބޭކަމެއް ކަމަށް އެ މައްސަލާގައި ބުނެފަ ވެއެވެ.
''މިފަދަ ބޯޓްތަކަށް ފިޔަވަޅު ނޭޅުމަކީ ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތާއި މެދު ވެވޭ އިޙުމާލެއް ކަމަށް ދެކި، 24 ފެބްރުއަރީ 2021 ވަނަ ދުވަހު ސިފައިންގެ ބެލުމުގެ ދަށަށް ގެނެވުނު ދާ އަޅާ ބޯޓާއިމެދު ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދުތަކުން އެޅެން ހުރި ފިޔަވަޅުތައް ވަގުތުން އެޅުމަށާއި، މިދުވަސްވަރު ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަހައްދު ބެލެހެއްޓުމުގައި އިތުރަށް ސަމާލުކަން ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ 110 ވަނަ މާއްދާގެ ދަށުން މި ކުއްލި މައްސަލަ ހުށައަޅަމެވެ.''- ޓޮމްގެ ހުށަހެޅުއްވި މައްސަލާގައި ބުނެފަ ވެއެވެ.
މި މައްސަލަ ބަލައިގަނެ، މަޖިލީހުގައި ކުރިއަށް ގެންދަން ފެނޭތޯ ނެގިވޯޓުން މި މައްސަލަ ފެއިލްކޮށްލަން 26 މެންބަރަކު ވޯޓު ދެއްވިއެވެ. މައްސަލަ ކުރިއަށް ގެންދަން ވޯޓު ދެއްވީ އެންމެ 10 މެންބަރުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!