އައްޑޫގެ ޓޫރިޒަމާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ބައްދަލުވުންތަކެއް ސިޓީ ކައުންސިލުން ބާއްވަން ނިންމައިފިއެވެ.
މިގޮތުބް ބޭއްވޭ ފުރަތަމަ ބައްދަލުވުން އޮންނާނީ މިރޭ މާލޭގެ މާބަލް ހޮޓަލުގައި ކަމަށެވެ. ދެވަނަ ބައްދަލުވުން މި މަހުގެ 15 ވަނަ ދުވަހު ހުޅުމީދޫގައި ބާއްވަން ހަމަޖެހިފައިވާ އިރު، ތިން ވަނަ ބައްދަލުވުން އޮންނާނީ 16 ވަނަ ދުވަހުގެ ރޭ ފޭދޫގަ އެވެ. އަދި ހަތަރު ވަނަ ބައްދަލުވުން މި މަހުގެ 17 ވަނަ ދުވަހުގެ ރޭ އޮންނާނީ ހިތަދޫގަ އެވެ.
މިދިޔަމަހުގެ24 ވަނަ ދުވަހު އައްޑޫ ސިޓީ ކަައުންސިލުންވަނީ މާލޭގައި ދިރިއުޅޭ އައްޑޫ ރައްޔިތުންނާ ބައްދަލުކޮށްފައެވެ.
— Addu City Council (@AdduCityCouncil) September 10, 2019
މި ސަރުކާރުގެ ޓޫރިޒަމް ސިޔާސަތުގެ ދަށުން އައްޑޫގައި 8،000 އެނދު ތަރައްގީ ކުރަން ވަނީ ނިންމައިފަ އެވެ. އެގޮތުން ޓޫރިޒަމް މާސްޓަ ޕްލޭނާ އެއްގޮތަށް އައްޑޫގެ ޓޫރިޒަމް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިއްޖެ ނަމަ އައްޑޫގައި އަހަރަކު 600 އެނދު އިތުރުވެގެން ދާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.
މީގެ އިތުރުން، އައްޑޫގައި ލޯކަލް ޓޫރިޒަމް ތަރައްގީކުރަން އެސްއެމްއީ ބޭންކުން 80 މިލިއަން ޑޮލަރު އައްޑޫ ސިޓީ އަށް ކަނޑައަޅާފައިވާ ކަމަށް ދާދި ފަހުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ ވިދާޅުވެފަ އެވެ.
އައްޑޫގައި މިހާރު އަންނަނީ ތިން ވަނަ ރިސޯޓެއް ހުޅުވުމުގެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެއީ އިސްމެހެލާހެރައިގައި ތަރައްގީކޮށްފައިވާ ސައުތު ޕާމް ރިސޯޓެވެ. އަދި އައްޑޫ ގަމުގައި އީކްއޭޓާ ވިލެޖްގެ ނަމުގައި ސިޓީ ހޮޓަލެއް ވެސް ހިންގަމުން އަންނަ އިރު، ގެސްޓް ހައުސްގެ ވިޔަފާރި ވެސް އައްޑޫގައި އަންނަނީ ފުޅާވަމުންނެވެ.
އިކޮނޮމިކް ޑިވެލޮޕްމަންޓް އާބަން ސެންޓަރުގެ ގޮތުގައި ރާއްޖޭގެ ހަތަރު ސަރަހައްދެއް ތަރައްގީ ކުރަން ސަރުކާރުން ނިންމަވާފައިވާ އިރު، އޭގެ ތެރޭގައި އައްޑޫ ހިމެނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!