ދިވެހި ކަނޑުތަކުގެ ވަތުބަތާނަ އެހެން ބަޔަކަށް ދެއްކުމަކީ އަމިއްލައަށް އޮރިޔާންވުން ފަދަ ކަމެއް ކަމަށް އިދިކޮޅުން ބުނެފިއެވެ.

އިދިކޮޅުން މިހެން ބުނީ މިމަހުގެ 4 ވަނަ ދުވަހު ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލިސްއަށް އިއްވި ރިޔާސީ ބަޔާނަށް މިއަދު މަޖިލިސްގައި، މަޖިލީހުގެ މައިނޯރިޓީންގެ ހައިސިއްޔަތުން ޖަވާބު ދެމުންނެވެ.

Ad
rt

ރިޔާސީ ބަޔާނަަށް ޖަވާބު ދެއްވަމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަދި ޕީޕީއެމް ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު، އޭދަފުށީ ދާއިރާ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ، ގައުމެއްގެ މިނިވަންކަމާއި، ސިޔާދަތާއި އެ ޤައުމެއްގެ ޚާރިޖީ ސިތާސަތު ވަނީ ގުޅި ލާމެހިފައި ކަމަށެވެ

''ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ބެލެންސް ގެއްލި ދިވެހިން ސިޔާދަތާއި ބާރުތައް އެއްދުވަހުން އަނެއް ދުވަހަށް މިދަނީ ގެއްލެމުން، ދިވެހި ރާއްޖޭގެ ސިޔާދަތީ ބާރުތައް އެއްކޮށް ގެއްލިއްޖެ ނަމަ ދިވެހިރާއްޖެ އަޅުވެތިވެދާނެ، ދިވެހިގެ މި ކަނޑުގައި ކާބަފައިން ވާރުތަކޮށްދިން ބާރރުވެރިކަން މިއަދު ދިވެހިން އަތަކުނެތް''- ސަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގެ ކަންކަމުގައި އިހުބަސްވެސް އަދި ފަހުބަސްވެސް ބުނަންޖެހޭނީ ދިވެހިން ކަމަށެވެ. އަދި ދިވެހިންގެ ކަންކަމުގައި ގޮތްނިންމުމުގައި އެެން ގައުމަކުން ބަސްބުނުމަކީ ދިވެހިންގެ ސިޔާދަތު ގެއްލިފައިވާކަން ހާމަކޮށްދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

''ދިވެހި ކަނޑުތަކުގެ ވަތުބަތާނަ އެހެން ބަޔަކަށް ދެއްކުމަކީ އަމިއްލައަށް އޮރިޔާންވުން ފަދަ ކަމެއް، ދިވެހި ގައުމުގެ މިނިވަން ކަމަށް ނެދެވޭ އަސަރުކުރާނެ އަދި ދިވެހި ކަނޑުތަކުގެ މުއްސަނދިކަމާއި، މުޅިކަނޑުގެ ޚަޒާނާ ބޭރު ބަޔަކަށް ދިނުން ރާއްޖޭގެ ހައިޑްރޯގްރަފީކުރަހަން ބޭރުބަޔަކަށް ދިނުމަކީ ގައުމިއްޔަތުގެ ވިންދުޖަހާ ހިތެއްއޮތް އެއްވެސް ދިވެއްސަކު އެއްބަސްވާނެ ކަމެއްނޫން، ރާއްޖޭގެ ރަށްރަށާއި ވިލުދޮޅިތަކާއި، ގިރިފަރުތަކާއި، ހާތަކާއި ކަނޑުއޮޅިތަކުގެ ފުންމިނާއި އެތަންތަނުގެ މަންޒަރުތަށް ބޭރު ބަޔަކު ޖައްސާނެ ކުލައެއް ޖައްސަން އެތަންތަން ޚަރާބުކޮށްލަން ދޫކޮށްލުމަކީ މި ގައުުމުދެކެ ލޯބިވާ ބަޔަކު ކުރާނެ ކަމެއް ނޫން''- ސަލީމް ވިދާޅުވިއެވެ.

އޭނާ ދެއްކެވި ވާހަކާގައި ވަނީ ރާއްޖޭގައި ހަރުކަށި ފިކުރު މީހުން އިތުރުވަނީ ރާއްޖޭގައި ދީނަށް ފުރައްސާރަކުރާ މީހުންގެ މައްސަލަތައް ސަރުކާރުން ބަލަން ފަސްޖެހުމާއި، ސަރުކާރުން ގެންގުޅޭ ބީރަށްޓެހި ސިޔާސަތުގެ ސަބަބަބުން ވިދާޅުވެފައެވެ.

ރާއްޖޭގައި އިސްލާމް ދީނާއި ޚިލާފް ކަންކަން ހިނގަމުންދާ ކަމަށާއި، މިއަހރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު ރޭ ވެސް މާލޭ ކުޅިވަރު އެކުވަނީގައި އިސްލާމްދީނަށް ޚިލާފް އެފަދަ ކަމެއް ބަޔަކު ކުރިކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މާތް ﷲއަށާއި، އެކަލާނގެއަޅާ ކީރިތިރަސޫލާ މުޙައްމަދު ޞައްލަﷲޢަލައިޙި ވަސައްލަމްއަށް ނިސްބަތްކޮށް ދީނަށް ފުރަށްސާރަކޮށް، ހަޖޫޖަހާ، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ކިޔާ ޖަމިއްޔާއަކުން ރިޕޯޓެއް ނެރުމުން މުޅި ރާއްޖޭގައި އެ ރިޕޯޓާމެދު ނުރުހުންފާޅުކޮށް އިހުތިޖާޖުތައް ކުރިކަމަށެވެ. ނަމަވެސް 2021 ވަނަ އަހަރު ރިޔާސީ ބަޔާނުގައި އެކަމަށް އަލިއަޅުވާލާފައި ނުވުމުން ސަރުކާރުން އިސްލާމީ ވަހުދަތު ރައްކާތެރިކުރުމުގައި ފަހަތު ފަހަޔަށް ބުރަވެފައިވާކަން އަންގައިދޭ ކަމަށާއި، އެ ރިޕޯޓް ލިޔުނު ބައެއް ފަރާތްތައް ސަަރުކަރުގެ މަތީ މަގާމްތަކުގައި ބޭތިއްބުމަކީ އިސްލާމްދީނަށް ގަދަރު ކުޑަކުރުން ކަމަށް އޭނާ ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ދިވެހި މިބިމުން އެހެން ދީނަކަށް ފުރުޞަތު ދީގެން ނުވާނެކަމަށާއި، ނުވެސް ދޭއްވާނެ ކަމަށެވެ.

ސަލީމް ވަނީ މަލްޓިޕާޓީ ޑިމޮކްރަސީގެ އެންމެ މުހިންމު ސިފައަކީ އިދިކޮޅު ފަރާތްތަކަށް މިނިވަންކަމާއެކު މަސައްކަތްކުރާނެ ފުރުޞަތު އޮތުން ކަމަށާއި، މިގޮތުން އިދިކޮޅު ލީޑަރަށް އެ ފުރުޞަތު ލިބުން ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މި ސަރުކާރުން އިދިކޮޅު ލީޑަރު އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ޖަލިގައި ބަހައްޓައިގެން އުޅެނީ ''ނުހައްގުން'' ކަމަށާއި، އެއީ ހުދުމުހުތާރުކަމުގެ ސިފައެއް ކަމަށެވެ.