ރާއްޖޭގައި އޮޕަރޭޓު ކުރާ ޝިޕިން ކުންފުނިތަކުން ނަގަމުން އަންނަ ފީތައް ނެގުން ހުއްޓާލުމަށް އަންގައި ޓްރާންސްޕޯޓު މިނިސްޓްރީން ގަވާއިދަށް ގެނައި ބަދަލުތަކުގެ ސަބަބުން ފްރެޓް ފޯވާޑަރުންނަށް ގެއްލުންވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ފްރެއިޓް ފޯވާޑާސް (އެމްއޭއެފް) އިން ބުނެފިއެވެ.
އެމްއޭއެފްގެ ރައީސް މުހައްމަދު ވަހީދު ''ތިލަދުން''އަށް ވިދާޅުވީ ޑެލިވަރީ އޯޑާ (ޑީއޯ)އަށް ވިޔަފާރިވެރިން އަތުން ނަގަމުން އައި 50 ޑޮލަރަކީ އަބަދުވެސް ނަގަމުން އައި އަދަދެއް ކަމަށެވެ. އަދި މި ފީއަކީ ފްރެއިޓް ފޯވާޑަރުން ނަގަމުން އަންނަ ފީއަކަށްވެފައި މި ފީއާ ގުޅޭގޮތުން ވިޔަފާރިވެރިންގެ ވެސް އެއްވެސް ޝަކުވާއެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން މިދިޔަ އަހަރު ނެރުނު ގަވާއިދުގައި ބުނެފައިވާގޮތުގައި މި ފީތައް ނަގާ ޝިޕިން ކުންފުނިތައް ޖޫރިމަނާ ކުރާނެއެވެ. މިއީ ވިޔަފާރިވެރިން އަތުން އެކި ނަންނަމުގައި ފީތައް ނެގުން ހުއްޓުވުމަށް ގެނައި ބަދަލެއް ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
ވަހީދު ވިދާޅުވީ މި ބަދަލާއެކު ޑިއޯއަށް ނަގާ 50 ޑޮލަރު ނެގުން މަނާ ކުރުމުގެ ސަބަބުން ފްރެއިޓް ފޯވަޑަރުންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ. އެގޮތުން، މިހާރު ކަންތައް ކުރިއަށްދާ ގޮތަށް ކުރިއަށްއޮތްތާނގައި ވެސް ކަންކަން ކުރިއަށްދާ ކަމުގައިވާނަމަ ފްރެއިޓްފޯވާޑަރުން ގެއްލިގެން ދިއުމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި ޓްރާންސްޕޯޓު މިނިސްޓްރީ އިން މި ބަދަލު ގެނައި އެއްވެސް ބަޔަކާ މަޝްވަރާ ނުކޮށް ކުއްލިއަކަށެވެ. އެހެންކަމުން އެ ދުވަސްވަރު ކަނޑުމަތީގައި ހުރި މުދަލުންވެސް ވަރަށް ބޮޑު ގެއްލުމެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.
ވަހީދު ވަނީ މި ބަދަލާ ގުޅޭގޮތުން އަދިވެސް ވިސްނުމަށް ސަރުކާރަށް ގޮވާލައިފައެވެ. އަދި މިކަމަށް ހައްލު ހޯދުމަށް ގުޅިގެން މަސައްކަތް ކުރުމަށް އޭނާ އެދިފައިވެ އެވެ.
މާޢުލޫމާތު ލިބިފައިވާ ގޮތުގައި ފްރައިޓް ފޯވަނޑިންއާއި ބެހޭ ގައިވާއިދު ނެރެފައިވަނީ ޓްރޭޑް މިނިސްޓްރީ އިންނެވެ. މިކަމާއި ގުޅޭ ކަންކަން ބަލަހައްޓަނީ ރަޖިސްޓްރާ އޮފް ކޮމޕްެނީސް އިން ނެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީއިން ރެގިއުލޭޓް ކުރަމުން ދަނީ ސިޕިން ލައިންތަކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!