ހދ. މަކުނުދޫގައި އާ ސިއްހީ މަރުކަޒެއް އިމާރާތްކުރުމަށް ބިން ދޫކުރަން ހުއްދަދޭން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ނިންމައިފިއެވެ.
އެ ނިންމުން އެލްޖީއޭއިން ނިންމާފައި ވަނީ އެލްޖީއޭ ބޯޑުގެ 2021 ވަނަ އަހަރުގެ 6 ވަނަ ބައްދަލުވުމުގައި އެވެ.
މިގޮތުން އެލްޖީއޭ ބޯޑުގެ ނިންމުމުގައި ބުނެފައި ވަނީ މަކުނުދޫގައި އާ ސިއްހީ މަރުކަޒެއް އިމާރާތްކުރުމަށް 40،000 އަކަފޫޓުގެ ބިމެއް މިނިސްޓްރީއޮފް ހެލްތަށް ދޫކުރުމަށް ހުއްދަ ހޯދުމަށް މަކުނުދޫ ކައުންސިލުން އެދިފައިވާ ކަމަށެވެ.
އެ ބިން އެރަށުން ދޫކުރުމަށް މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ހުއްދަ ދީފައި ވުމާއެކު އެ ބިން ހެލްތު މިނިސްޓްރީއަށް ދޫކުރަން ހުއްދަދޭން ނިންމާފައިވާ ކަމަށް އެލްޖީއޭ ބޯޑުގެ ނިންމުމުގައި ބުނެފަ ވެއެވެ.
މަކުނުދޫގައި އާ ސިއްޙީ މަރުކަޒެއް ގާއިމުކުރުމަށް 40،000 އަކަފޫޓުގެ ބިން ހެލްތު މިނިސްޓްރީއަށް ދޫކުރަން އެލްޖީއޭއިން ހުއްދަ ދިންއިރު، އެ އިމާރާތުގެ މަސައްކަތް މިހާރު އޮތީ ޕްރީ ޓެންޑަރިންގ މަރުހަލާގައި އެވެ. އަދި އެ މަސައްކަތަށް މިއަހަރުގެ ބަޖެޓްގައި 455,000 ރުފިޔާ ހިމަނާފައިވާއިރު، އަންނަ އަހަރުގެ ބަޖެޓްގައި އެމަސައްކަތަށް 1,137,500 ރުފިޔާ ހިމަނަން ވަނީ ނިންމާފަ އެވެ.
މަކުނުދޫއަކީ ވަކިން އެހެން ރަށްތަކާއި ދުރުގައި އޮންނަ ރަށެއްކަމަށް ވުުމުން، ސިއްޙީ ޚިދުމަތްފަދަ ޒަރޫރީ ބޭނުންތަކަށް އެހެން ރަށްތަކަށް ދަތުރު ކުރަން ޖެހުމުން، އެރަށުގެ ރައްޔިތުން މިހާރު އުފުލަމުން ދަނީ ވަރަށް ބޮޑު ތަކުލީފެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!