ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު އޮތް އެތުލެޓިކޯ މެޑްރިޑާއި ލެވަންޓޭ ބައްދަލުކުރި މެޗުން އެތުލެޓިކޯ ބަލިވުމުގެ ފައިދާ ރެއާލް މެޑްރިޑުން ނަގައިފިއެވެ. އެތުލެޓިކޯ ބަލިވުމުން މިވަގުތު ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތް ރެއާލުން ވަނީ ލީގުގައި ރެއާލް ވަލަޑޮލިޑް 1-0 ގެ ނަތީޖާއަކުން ބަލިކޮށް އެތުލެޓިކޯއާއި ޕޮއިންޓްގެ ގޮތުން އޮތް ފަރަގު ކުޑަކޮށްފައެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފުގައެވެ. މެޗުގެ 65 ވަނަ މިނެޓުގައި ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު ރެއާލަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލް މިޑްފީލްޑަރ ކަސެމީރޯއެވެ.

Ad
rt

އެތުލެޓިކޯ މެޑްރިޑާއި ލެވަންޓޭ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ 2-0 ގެ ނަތީޖާއަކުން ލެވަންޓޭ ކާމިޔާބު ކޮށްގެންނެވެ. އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗުގައި ލެވަންޓޭއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ މޮރާލެސްއެވެ. މި މެޗުގައި އެތުލެޓިކޯއިން ލެވަންޓޭގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް މެޗުގައި މޮޅު ކުޅުމެއްދެއްކި ލެވަންޓޭގެ ކީޕަރު ޑެނީ ކާޑެނަސް ވަނީ ހުޝިޔާރުކަމާއިއެކު ހަމަލާތަށް ހުއްޓުވާފައެވެ. މެޗުގައި ލެވަންޓޭއިން ކާމިޔާބުކުރި ދެވަނަ ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދިން އިތުރުވަގުތުގެ ތެރޭގައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ސެބާސްޓިއަންއެވެ.

ޕޮއިންޓް ތާވަލުގެ އެއްވަނާގައި އެތުލެޓިކޯ މިވަގުތު އޮތީ 23 މެޗުން 55 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި ރެއާލް މެޑްރިޑް އޮތީ 24 މެޗުން 52 ޕޮއިންޓް ހޯދައިގެންނެވެ. އެތުލެޓިކޯ އަތުން ހޯދި ތިން ޕޮއިންޓާއިއެކު ލެވަންޓޭ މިވަގުތު އޮތީ ތާވަލުގެ އަށް ވަނާގައެވެ. އެ ޓީމަށް ލިބިފައިވަނީ 24 މެޗުން 31 ޕޮއިންޓެވެ. ރެއާލްއަތުން ބަލިވި ވަލަޑޮލިޑް މިވަގުތު އޮތީ ޕޮއންޓް ތާވަލުގެ 19 ވަނާގައެވެ. ރެލިގޭޓް ވުމުގެ ބިރު ހީވެފައިވާ ވަލަޑޮލިޑަށް ލިބިފައިވަނީ 24 މެޗުން 21 ޕޮއިންޓެވެ.