އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހުސްވެފައިވާ މެމްބަރުކަމަށް، ޑރ. މުހައްމަދު ޒާހިރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ޑރ. ޒާހިރު އީސީ މެންބަރުކަމަށް އައްޔަން ކުރަން ފެނޭތޯ ބަލަން މިއަދު މަޖިލީހުގައި ނެގި ވޯޓުގައި އޭނާ އައްޔަން ކުރަން ފެންނަ ކަމަށް 37 މެމްބަރުން ވޯޓު ދެއްވި އެވެ.
އީސީން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ޑރ. ޒާހިރާ އެކު 17 މީހުން ކުރިމަތިލި އެވެ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރުހުން ހޯދުމަށް ނޮމިނޭޓް ކުރީ ޑރ. މުހައްމަދު ޒާހިރުގެ ނަން އެކަންޏެވެ.
ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ޒާހިރު މިހާރު ހުންނެވީ އިލެކްޝަންސްގެ ޑިރެކްޓަރުގެ މަގާމުގަ އެވެ.
އީސީގެ މެމްބަރުކަމުގެ މަގާމެއް ހުސްވީ، އެ ކޮމިޝަންގެ މެންބަރު ކަމުގައި ހުންނެވި އަހުމަދު އަކްރަމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭރު އަކްރަމް ހުންނެވީ އީސީގެ ނައިބު ރައީސްގެ މަގާމުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!