ރާއްޖޭގައި އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޝާޒްލީ ޝަފީގް ހަމަޖައްސައިފި އެވެ.
އެޕާޓީގެ އެސްޖީގެ މަގާމަށް ޝާޒްލީ ޝަފީގް އައްޔަންކުރީ ރޭ އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގަ އެވެ.
އެމްޑީޕީގެ އެސްޖީގެ މަގާމަށް މީހަކު ހޯދަން ކުރިން އެ ޕާޓީން ވަނީ ހުޅުވާލާފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެ މަގާމަށް މިފަހަރު ކުރިމަތިލީވެސް، 2012 ވަނަ އަހަރު ވެސް އެ މަގާމު ފުރުއްވައިފައިވާ ޝާޒްލީ އެކަންޏެވެ. އެފަހަރު އޭނާ އެސްޖީގެ މަގާމުން އިސްތިއުފާ ދެއްވީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ.
ޝާޒްލީ ވަނީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަންޑަ ސެކްރެޓަރީ ކަމާއި، ޖަޕާނަށް އޭރު ކަނޑައަޅުއްވާފައިވާ ހުންނެވި ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު ކަމާއި އަދި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިންގ ޑައިރެކްޓަރުކަން ވެސް ކުރައްވާފަ އެވެ.
އެމްޑީޕީގެ އެސްޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި އަނަސް އަބްދުއްސައްތާރު މާލެ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލުމަށް ޕާޓީގެ ޓިކެޓް ލިބުމާއި ގުޅިގެން އޭނާ އިސްތިއުފާ ދެއްވުމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!