މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ހުޅުވާލި ފުރުޞަތުގެ މުއްދަތު އިތުރުކޮށްފިއެވެ.
ޔޫތު މިނިސްޓްރީ އިން ވިދާޅުވީ، މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގައި، ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅޭ ގޮތުން ސަރުކާރުން މިހާރު އަޅުއްވާފައިވާ ފިޔަވަޅުތަކާއި ގުޅިގެން، މަދަނީ ޖަމްޢިއްޔާތަކަށް ދަތިތަކެއް ދިމާވެދާނެ ކަމަށް ފެންނާތީ، ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްދީފައިވާ ކަމަށެވެ.
އެހީއަށް އެދި ހުށަހެޅޭނީ ޤާނޫނު ނަންބަރު 2003/1 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ހިނގަމުންދާ ޖަމްޢިއްޔާތަކަށް އެކަނި ކަމަށް އެ މިނިސްޓްރީއިން ވިދާޅުވެއެވެ.
މިގޮތުން މާލީ އެހީތެރިކަން ފޯރުކޮށްދެވޭނީ ހަމައެކަނި ސަރުކާރުގެ ސިޔާސަތުތަކާއި، އަދި ރަށު/އަތޮޅު/ސިޓީ ތަރައްޤީގެ ޕްލޭންގައި ހިމެނޭ ކަންކަން ޙާޞިލުކުރުމަށް އެހީތެރިވެދޭ މަޝްރޫޢުތައް ހިންގުމަށް ކަމަށް ވެސް އެ މިނިސްޓްރީއިން ވިދާޅުވެއެވެ.
މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ޖެނެރަލް ޕްރޮޖެކްޓް ގްރާންޓް އަދި ސްމޯލް ޕްރޮޖެކްޓް ގްރާންޓްގެ ގޮތުގައެވެ. އަދި ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެ ފަހުގެ ތާރީޚަކީ 21 މާރިޗް 2021 ވަނަދުވަހުގެ 13:00ގެ ނިޔަލަށެވެ. ކުރިން މިފުރުޞަތު ދީފައި ވަނީ 28 ފެބްރުއަރީ 2021 ވަނަދުވަހުގެ 13:00ގެ ނިޔަލަށެވެ.
ޕްރޮޕޯސަލް ހުށަހަޅަންޖެހެނީ ޔޫތު މިނިސްޓްރީގެ އީމެއިލް، ce@youth.gov.mv އަށެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ 7662474، 7556883،7905784 ނަންބަރުތަކާއި ގުޅުމަށް އެ މިނިސްޓްރީން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!