ވަރަށް ހާލުގައި އުޅޭ ފަރާތްތަކަށް ފްލެޓު ނުލިބި އެބަހުރި ކަމަށާއި، އެ އެންމެނަށް ފްލެޓު ނުދެވުނީ އެ ޢަދަދަށް ނެތުމުން ކަމަށް ފްލެޓު ކޮމިޓީން ބުނެފިއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި ފްލެޓު ކޮމެޓީގެ ރައީސް، ތޯހާ މުހައްމަދު ވިދާޅުވީ އެ ކޮމިޓީއަށް ހަވާލު ކުރެވިފައި އޮތީ 2018ގައި ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓުތައް ދިނުމަށް ކުރިން ޕޮއިންޓްދީފައި ހުރީ، އެ މަޝްރޫޢު ޢިއުލާން ކުރެވުނުއިރުގައި ހުރި ޝަރުޠުތަކާއި އެއްގޮތަށްތޯ ބަލައި އެކަން ކަށަވަރުކުރުން ކަމަށެވެ.
އެ ކޮމެޓީން އެކަންކުރީ ފްލެޓުތަކަށް ކުރިމަތިލި އެންމެންގެ މެދުގައި އެއްހަމައަކުން އެއް އުސޫލަކުން އެއް މިންގަނޑަކުން ދިރިއުޅުމުގެ ހާލަތުބަލައިގެން ކަމަށާއި، ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓް އެކުލަވާލެވިފައި ވަނީ އެކަންކަން ކަށަވަރުކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހާލުގައި އުޅޭމީހުންނަށް ފްލެޓުތައް ދިނުމާމެދު ކުރިމަތިވި ސުވާލާއި ގުޅިގެން ވަރަށް ބޮޑަށް ފާހަގަކޮށްލަން ބޭނުންވާ ކަމެއް އެބައޮތް ކަމަށެވެ.
ަ''ފްލެޓު ނުލިބިވާ ފަރާތްތަކަކީ އަޅުގަނޑުމެންނަށް ވެސް އެނގޭ ވަރަށް ހާލުގައި އުޅޭ ފަރާތްތަކަށް ފްލެޓު ނުލިބި އެބަހުރި، އެއީ އެބޭފުޅުންނަށް ހައްގު ނުވާތީ އެބޭފުޅުންނަށް ފްލެޓު ނުލިބި ވަނިއްޔެއްނޫން، އަޅުގަނޑު އެކަން ފާހަގަކޮށްލަން، އެހެންނަމަވެސް މާބޮޑަށް ވެސް ދިރިއުޅުމުގެ ހާލަތު ރަނގަޅު ވެގެން ވެސް ފްލެޓު ނުލިބި ވަނިއްޔެއްނޫން، މީގަ އަޅުގަނޑު މިފާހަގަ ކުރާ ކަމަކީ ވަރަށް ހާލުގައި އުޅޭ ފަރާތްތަކަށް ވެސް ފްލެޓު ނުލިބި އެބަހުރި މި ކްރެޓީރިއާ ކަނޑައެޅިފައި ހުރިގޮތުން، އެއީ ފްލެޓު ނުލިބި ވަނީ އެ އަދަދަށް ފްލެޓު ނެތީމަ އެފަރާތްތަކަށް ފްލެޓު ނުލިބި ވަނީ،''
ތޯހާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހިޔާ މަޝްރޫޢުގެ 6720 ފްލެޓަށް 23 ހާހަށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާއިރު، ކޮންމެ ކެޓަގަރީއަކުން މިންކޮށް، އިންސާފުކުރިއިރު ކުރިމަތިލީ މީހުންކުރެ ފްލެޓު ހައްގުވާ އެންމެނަށް ދޭނެ ވަރަށް އެ އަދަދަށް ފްލެޓު ނެތުމުން ފްލެޓު ދެވޭނީ ކޮންމެސް އެއް ބަޔަކަށް ކަމަށެވެ. އަދި އެ ކޮމެޓީން ކުރިމަސައްކަތަކީ އެންމެންގެ މެދުގައި އެއް މިނގަޑަކުން އެންމެ ހައްގުވެރި ފަރާތް ހޯދުމުގެ މަސައްކަތް ކަމަށާއި، ފްލެޓްތައް ލިބޭ މީހުން ކަނޑައެޅިއިރު އެކަން ވަނީ ވަރަށް ބޮޑަށް ކަށަވަރު ކުރެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ.
"ހިޔާ" މަޝްރޫޢުގެ 6،720 ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށްފަހު، އެ މަޝްރޫޢުގެ ކެޓަގަރީތަކުގެ ދާއިމީ ލިސްޓް ފުލެޓް ތަކުގެ މައްސަލަ ބަލާ ކޮމެޓީއިން އާންމު ކުރީ ރޭގެ ވަގުތެއްގަ އެވެ. އެ ލިސްޓް އާންމު ކުރިއިރު އެކި ކެޓަގަރީގެ ލިސްޓުތަކުގައި ޝަރުތު ހަމަވެ ފްލެޓު ނުލިބޭ ޖުމްލަ 14،107 މީހަކު އެބަތިއްބެވެ. އޭގެ ތެރެއިން 50 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންގެ އަދަދަކީ 6142 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!