އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ ލިވަޕޫލާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު ފަސޭހަ ކަމާއިއެކު ސިޓީން ކާމިޔާބު ކޮށްފިއެވެ. މި މެޗު ސިޓީ ކާމިޔާބު ކޮށްފައިވަނީ 4-1 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ލިވަޕޫލް ފާހަގަ ކުރެވިފައިވަނީ އެ ޓީމްގެ އަމިއްލަ ދަނޑު ކަމުގައިވާ އެންފީލްޑްގައި ބަލިކުރަން އުނދަގޫ ޓީމެއްގެ ގޮތުގައެވެ. ނަމަވެސް މި އަހަރުގެ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ބާންލީއަތުން އަމިއްލަ ދަނޑުގައި ލިވަޕޫލް ބަލިވިފަހުން އެ ޓީމަށް އަދި އެންފީލްޑްގައި ލީގު މެޗެއް ކާމިޔާބު ކުރެވިފައި ނުވެއެވެ. މިއީ 2003 ވަނަ އަހަރުގެ ފަހުން ލިވަޕޫލްގެ ދަނޑުގައި ސިޓީއަށް ވެސް މޮޅުވެވުނު ފުރަތަމަ ފަހަރެވެ.

Ad
rt

މި މެޗުގެ ފުރަތަމަ ހާފަށް ބަލައިލާއިރު ދެ ޓީމްގެ ފަރާތުން ވެސް ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުޞަތެއް ލިބިފައިވަނީ ސިޓީއަށެވެ. ލިވަޕޫލްގެ އޭރިއާގެ ތެރެއިން އެ ޓީމްގެ ޑިފެންޑަރ ފަބީނިއޯ، ސިޓީގެ ފޯވާޑް ސްޓާލިންއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީވަނީ ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް ސިޓީގެ ޖަރުމަނު މިޑްފީލްޑަރ ގުންޑަގަން ފޮނުވާލި ޕެނަލްޓީ ގޮސްފައިވަނީ ދަނޑި މަތިން ބޭރަށެވެ. ލިވަޕޫލުން ވެސް ވަނީ ފުރަތަމަ ހާފުގައި ސިޓީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މިގޮތުން ލިވަޕޫލުގެ ފޯވާޑް ސަޑިއޯ މަނޭ ބޮލުން ފޮނުވާލި ބާރު ބޯޅަ ގޯލާ އަމާޒުނުވެ ދިޔައިރު، އެ ޓީމްގެ ބްރެޒިލް ފޯވާޑް ފިރްމީނޯ ފޮނުވާލި ބާރު ހަމަލާ ވަނީ ސިޓީގެ ކީޕަރު ދިފާއު ކޮށްފައެވެ.

ދެވަނަ ހާފުގައި ވަރަށް ކުރީކޮޅު ސިޓީން ވަނީ ލަނޑުޖަހައު މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ގުންޑަގަންއެވެ. ބައިކޮޅަށް ވަތް ލަނޑާއިއެކު ލިވަޕޫލުން ކުޅުން ރަނގަޅު ކުރިއެވެ. މިގޮތުން ލިވަޕޫލުން ގެ ފޯވާޑް ސަލާހްއަށް ސިޓީގެ ޑިފެންޑަރ ރުބެން ޑިއާސްކުރި ފައުލަކާއި ގުޅިގެން ރެފްރީވަނީ ލިވަޕޫލަށް ޕެނަލްޓީއެއް ދީފައެވެ. މި ޕެނަލްޓީ ސަލާހް ކާމިޔާބުކޮށް 63 ވަނަ މިނެޓުގައި ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ސިޓީން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ 73 ވަނަ މިނެޓުގައެވެ. ލިވަޕޫލުގެ ކީޕަރ އެލިސަން ކުލިއަކޮށްލަން މަސައްކަތްކުރި ބޯޅަ ރަނގަޅަށް ކުލިއަ ނުކޮށްލެވުމުގެ ފައިދާނަގައި މި ލަނޑު ޖެހުމަށް ފުރުޞަތު ތަނަވަސް ކޮށްދިނީ ފިލް ފޮޑެންއެވެ. މި ލަނޑު ވެސް ކާމިޔާބު ކޮށްދީފައިވަނީ ގުންޑަގަންއެވެ.

ލިވަޕޫލުގެ ކީޕަރު އެލިސަންގެ ފަރާތުން ބޮޑެތި ގޯސްތަކެއް ފެނިގެންދިޔަ މި މެޗުގައި ސިޓީން ކާމިޔާބުކުރި ތިންވަނަ ލަނޑު ވެސް ކާމިޔާބު ކޮށްފައިވަނީ އެލިސަންހެދި ގޯހުގެ ފައިދާނަގައި ބާނާޑޯ ސިލްވަ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ސްޓާލިންއެވެ. ހަތަރުވަނަ ލަނޑު 83 ވަނަ މިނޓުގައި ކާމިޔާބު ކޮށްދީފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ފިލް ފޮޑެންއެވެ.

މި މެޗުން ބަލިވުމުން ލިވަޕޫލް ވަނީ އެއްވަނާގައި އޮތް ސިޓީއަށް ވުރެ 10 ޕޮއިންޓް ފަހަތަށް ވެއްޓިފައެވެ. މިވަގުތު ސިޓީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ އެ ޓީމް ލީގުގައި ކުޅުނު 22 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ އެ ޓީމް ލީގުގައި ކުޅުނު 23 މެޗުން ލިބުނު 45 ޕޮއިންޓާއި އެކުގައެވެ. މި މެޗުން ބަލިވި ލިވަޕޫލް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ހަތަރުވަނާގައެވެ. އެ ޓީމަށް ލިބިފައިވަނީ 23 މެޗުން 40 ޕޮއިންޓެވެ.