އެއްގަމުގައި ދުއްވާ އުޅަނދުތަކުގެ ޑްރައިވިންގ ލައިސަންސް އެދޭ މީހުންގެ ތެރެއިން އަލަށް އެ ޚިދުމަތަށް އެދޭ މީހުންނަށް ލައިސަންސް ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ބުނީ ކޯވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއްގަމުގައި ދުއްވާ އުޅަނދުތަކުގެ ޑްރައިވިންގ ލައިސަންސަށް އަލަށް އެދޭ ފަރާތްތަކަށް މިއަދުން ފެށިގެން ކުރިއަށް އޮތް 7 ދުވަހަށް ޚިދުމަތް ދިނުން ވަގުތީ ގޮތުން ހުއްޓާލަށް ނިންމާފައިވާ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއިން މި ނިންމުން ނިންމާފައިވާއިރު ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާތީ، 2021 ފެބުރުވަރީ 3 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތައް ޢާންމުކޮށް ހުޅުވައިގެން މަސައްކަތްކުރާއިރު ޢަމަލުކުރަންޖެހޭ އުޞޫލުތަކާއި މިންގަނޑުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އިއްޔެ ހަމަޖައްސަވައި، އެ ކަންކަމަށް އިތުރު ސަމާލުކަމެއް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.
ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް، މި ބަލި ޖެހިފައިވާ މީހުން ތިބިކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން ހާމަކުރައްވާ ރަށްރަށުގައި ހުރި ސަރުކާރުގެ އިދާރާތަކުން ޚިދުމަތް ދިނުމާއި، މުވައްޒަފުން މަސައްކަތަށް ނެރުމުގައި އިއްޔެ ހަމަޖެއްސެވި އުޞޫލުގައި، މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރާ ގޮތަށް ހަމަޖެއްސުމާއި، މިނިސްޓަރު ނުވަތަ އިދާރާގެ އިސްވެރިޔާ ކަނޑައަޅުއްވާ ގޮތެއްގެ މަތިން، އެއްފަހަރާ ވީހައިވެސް މަދު މުވައްޒަފުން އޮފީހަށް ނެރެގެން މަސައްކަތްކުރެވޭނެ ގޮތަށް މަސައްކަތްތައް ރޭވުމަށް ހަމަޖައްސަވާފައިވެއެވެ.
ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއްގަމުގައި ދުއްވާ އުޅަނދުތަކުގެ ޑްރައިވިންގ ލައިސަންސަށް އަލަށް އެދޭ ފަރާތްތަކަށް މިއަދުން ފެށިގެން ކުރިއަށް އޮތް 7 ދުވަހަށް ޚިދުމަތް ދިނުން ވަގުތީ ގޮތުން ހުއްޓާލަށްވަނީ ނިންމާފަ.
— Ministry of Transport and Civil Aviation (@MoTCAmv) February 3, 2021
މީގެ އިތުރުން، މުވައްޒަފުން ޓީމުތަކަކަށް ބަހައިލައިގެން މަސައްކަތު ހަފުތާގެ އެކި ދުވަހު އެކި ޓީމުތައް މަސައްކަތަށް ނެރެގެން މަސައްކަތް ކުރުވެން ހުރި އިދާރާތަކުން އެ ގޮތަށް މަސައްކަތްކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، އިދާރާއިން ދޭ ޚިދުމަތްތަކުގެ ބާވަތަށާއި، ދޭ ޚިދުމަތްތަކުގެ މިންވަރަށާއި، ޚިދުމަތް ދިނުމަށް ލިބިފައިވާ ވަސީލަތްތަކަށާއި، މުވައްޒަފުންގެ އަދަދަށް ބަލައި، އެ އިދާރާއަކުން ދޭ ޚިދުމަތްތައް މަސައްކަތު ހަފުތާގެ އެކި ދުވަސްތަކަށް ބަހައިލައި، އެކި ދުވަސްތަކުގައި އެކި ޚިދުމަތް ދޭ ގޮތަށް ހަމަޖެއްސުމަށް ވެސް މި އުޞޫލުގައި ކަނޑައަޅުއްވާފައިވެއެވެ.
މީގެއިތުރުން ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޢިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިއަދު ވަނީ 11 ވަނަ ފަހަރަށް އިތުރުކޮށްފައެވެ. މިފަހަރު ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރީ އަންނަ މާރިޗް މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!